އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރުން މެއި 28ގައި

އަލަށް އިންތިޚާބުވެވަޑައިގެންނެވި މަޖިލިސް މެންބަރުން ހުވާ ކުރުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.
މިކަން އިއުލާން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، އައު މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ މަސައްކަތްތައް މިހާރު މަޖިލީހުން ފަށްޓަވައިގެން ކުރިއަށްގެންދާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާނެއެވެ. އެހެންވެ، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މި ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވާ ތާރީޚާ ހަމައަށް މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ކުރިއަށްދަވާނެކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 93 ދާއިރާގެ ތެރެއިން 66 ގޮނޑި ކާމިޔާބުކޮށް 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ ހޯދާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތާޢީދާއެކު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންގެ ޢަދަދު 74އަކަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ