ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހާނިޔެ އިސްރާއީލުން އަނިޔާވެރިކޮށް ޝަހީދު ކޮށްލިކޮށްލުން މިސަރުކާރުގެ އިސްލާމިކް މިނިސްޓަރުވެސް ކުށްވެރިއެއް ނުކުރެއްވި! ހުންނެވީ ހަނު!

ފަލަސްތީނުގެ މިނިވަންކަމަށްޓަކާ ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އެންމެ އިސްވެރިޔާ އިސްމާއިލް ހާނިޔެ, ޔަހޫދީ ދައުލަތުގެ އަނިޔާވެރި ހަމަލާއެއްގައި ޝަހީދު ކޮށްލުމުންވެސް, މިސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަނު ހުންނަވައިފިއެވެ.
އިރާނުގެ އާ ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިތުމަށްޓަކާ އެގައުމަށް އިސްލާއިލް ހާނިޔެ ވަޑައިގެން ހުންނެވި ގެކޮޅަށް އިސްރާއިލުން ދިން ވައިގެ ހަމަލާއެއްގައި އޭނާ ޝަހީދު ކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ދުނިޔޭގެ އިސްލާމީ ގައުމުތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ކުށްވެރި ކުރަމުންނެވެ.
އެހެންނަމަވެސް ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޝަހީދު ކޮށްލި އަނިޔާވެރި މިހަމަލާ މުއިއްޒުވެސް ކުށްވެރި ކޮށްފައި ނުވާއިރު މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްވެސް އިސްރާއީލުގެ މި އަނިޔާވެރި އުދުވާން ކުށްވެރިކޮށް, ކުޑަމިނުން ޓުވީޓެއްހާ މިންވަރުވެސް ކުރައްވާފައެއް ނުވެއެވެ.
މިސަރުކާރުން އިސްރާއީލުގެ މިފަދަ އުދުވާންތައް ކުށްވެރި ކުރަމުން ނުދާތާގައި, މުއިއްޒު ގެންދަވަނީ އިސްރާއީލުގެ ގާތިލުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކުން ފަސްތަރީގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.
އަދި ފާއިތުވި މޭމަހު, އިސްރާއީލުގެ ޕާސްޕޯޓުތައް ރާއްޖެއަށް މަނާކުރުމަށް ނިންމުމަށްފަހުވެސް ހުޅަނގުގެ ގައުމުތަކަށް ބިރުން, މުއިއްޒުވަނީ އަމިއްލަފުޅު ކެބިނެޓުން ނިންމި ނިންމުންވެސް ތަންފީޒުކުރުމަށް ފަސްޖެހިގައެވެ.
މުއިއްޒުގެ އިތުރުން މިސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމްވެސް ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭނެކަމަށް ބުނެ ހަމައެކަނި ޓުވީޓު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޓުވީޓު ކުރެއްވުމަށްފަހު, ޑރ. ޝަހީމުވެސް ގެންދަވަނީ މުނާފިގުކަމުގެ ސިފަ ދައްކަވާ, އިސްރާއީލުގެ ގާތިލުން އަތުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެގައުމުގެ ވެރީންނާއި އަނިޔާވެރި ސައިފައިނަށްވެސް ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހިންއުފާ ކުރުމުގެ ފުރުސަތު ފަހިކޮށްފައި ބޭއްވުމަށް ތާއީދު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ