ޔާމީންގެ ޝަރީއަތް ލަސްކުރީ އެމްޑީޕީގެ ނުފޫޒުން މަޖިލިސް އިންތިޚާބުގައި ޕީއެންއެފް ވޯޓް އެމްޑީޕީއަށް ހޯދަން: ޝަރީފް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމްގެ ވ އާރަށް އިސްތިއުނާފް މައްސަލައިގެ ޝަރީޢަތް ލަސްކޮށްފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ނުފޫޒުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 
ރައީސް ޔާމީންގެ އާރަށް އިސްތިއުނާފްގެ މައްސަލައިގެ ހުކުމް ކުރުން ލަސްވެގެން ދިގުލައި ދެމިގެން ދިޔުމަށްފަހު، އެ ހުކުމް އިއްވާ ޝަރީއަތް ބޭއްވުނީ އިއްޔެއެވެ. އެ ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ތާވަލް ކޮށްފައިވަނީ މައްސަލަ ލަސްވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވިތާ ދެތިން ދުވަސް ފަހުންނެވެ. 
އެ ޔާމިންގެ މައްސަލައިގައި ހައިކޯޓުން އިއްޔެ ވަނީ އެ އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ޙުކުމްގެ ބާޠިލްކޮށް، އަލުން އެ މައްސަލަ ބަލަން ޢަމުރުކޮށްފައެވެ. 
އެކަމާއި ގުޅިގެން ޝަރީފް އިއްޔެ އެކސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވުމަކީ ހިތަށް ތަސައްލީ ލިބިލެއްވި ކަމެއް ކަމަށެވެ. 
މިހާތަނަށް ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރީ ސިޔާސީ ބޭނުމުގައި އެމްޑީޕީގެ ނުފޫޒުން ކަމާއި، މިއަދު މަޖިލިސް އިންތިޚާބުގައި ޕީއެންއެފްގެ ވޯޓު އެމްޑީޕީއަށް ހޯދުމަށް ޝަރުޢީ ނިޒާމަށް ނުފޫޒް ފޯތުވަމުންދާކަން ކޮންމެ މީހަކަށްވެސް އެނގޭނެ. 
ވަޒީރު އާދަމް ޝަރީފް ޢުމަރު
މިއާއެކު އާދަމް ޝަރީފް ވަނީ ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ މި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒް ނުފޯރުވާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ