ކުޅުދުއްފުށީ ކަރަންޓު މައްސަލަ ހައްލުވަންދެން ސްޓެލްކޯގެ އިން އެހީވަނީ

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވަންދެން ފެނަކަ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގެ ކަރަންޓް މައްސަލަ ހައްލުކޮށްފައިވަނިކޮށް އޭގެ ފަހުން ވެސް އެ ރަށުން ވަނީ ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ދިމާވެފަ އެވެ. އަދި މައްސަލަ ހައްލުކުރަން މިއަދު ވެސް އެކި ގަޑިތަކަށް ބަހާލައިގެން ކުޅުދުއްފުށިން ވަނީ ކަރަންޓު ކަނޑާފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު މާލެ އައިސްފައިވާ ކަމަށާއި އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ 8 މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.
ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"މިކަން ޙާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން،" ފަހުމީ ވިދާޅުވި އެވެ.
ކުޅުދުފުއްށިން ކަރަންޓް ކެނޑޭ މައްސަލަ ދިމާވާތާ މިހާރު މަހެއްހާ ދުވަސްވެއްޖެ އެވެ.
ފެނަކަ އިން ވަނީ މިދިޔަ ރޯދަ މަހު ކުޅުދުއްފުށީ ރައްޔިތުންނަށް ކަރަންޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން ކުޅުދުއްފުށީ ރައްޔިތުންނަށް މި މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ވެސް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ