އެންޓި-ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފި

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލް ފާސްކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ބިލު ފާސްކޮށްފައި ވަނީ ބިލް ހުށައެޅި އޮތް ގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.
ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެންޓި-ޑިފެކްޝަން ގާނޫނަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށް ފަހު އެ ދައުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލު ވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.ރައީސް ބިލް ތަސްދީގުކުރެއްވުމާއެކު މި ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ވަނީ ފަށާފަ އެވެ.އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލް ފާސްކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ބިލު ފާސް ކޮށްފައި ވަނީ ބިލް ހުށައެޅި އޮތް ގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އަދި އެ ބިލުން ހާސިލު ކުރަން ކުރީން އަމާޒު ހިފި ކަންކަން ހާސިލު ވެސް ނުުކުރެވޭ ގޮތަށެވެ. ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ މަޖިލީހަށް ހުށައެޅި ބިލު ކުރީން އޮތީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް" ބަޔާންކޮށް ނަމަވެސް ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް" މި ގޮތަށް ބަދަލު ކުުރުމަށް ފަހު އެވެ.
އެންޓި-ޑިފެކްޝަން ބިލަށް ގެނައި ބަދަލާއެކު މެންބަރު ކަމުން އިސްތިއުފާ ދޭން ޖެހޭ ތިން ހާލަތެއް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ. އެއީ އިންތިހާބުވީ ހައިސިއްޔަތު ބަދަލުކޮށް އެހެން ޕާޓީއަކާއި ގުޅުން ނުވަތަ އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމެނުމެވެ. އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރުން އެހެން ޕާޓީއަކާ ގުޅިއްޖެނަމަ ވެސް އެއީ އިސްތިއުފާދޭން ޖެހޭ ހާލަތެއް ކަމަށް ބުނެފައިވެ އެވެ.ގާނޫނުގައި މިހާރު އޮތީއެކަން ކުރަން އެ މެންބަރެއްގެ އިހްތިޔާރީ ކަމަކަށް ދޫކޮށްލާފަ އެވެ. އިސްތިއުފާ ދޭން ޖެހޭނީ އަމިއްލަ އަށެވެ. މެންބަރުން ޕާޓީ ބަދަލު ކުރުން ހުއްޓުވަން ހެދި ބިލްގައި މި އިން ހާލަތެއް މެެދުވެރިވެ އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް ވެސް އަދި އެ މެންބަރަކު ވަކިކުރެވޭނެ އިތުރު އެއްވެސް ގޮތެއް ބަޔާން ކޮށްފައެއް ނުވެ އެވެ.ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މަޖިލީހުގައި އެކަން ފާހަގަކޮށް މިއީ ރައްޔިތުންނަށް އޮޅުވާލަން އެއްވެސް މަގުސަދެއް ނެތި އެމްޑީޕީން ފާސްކޮށްފައިވާ ބިލެއް ކަމަށް ވިދާޅުވެ އެ ބިލަށް ފާޑު ވިދާޅުވެފައެވެ.މީގެ އިތުރުން ޕާޓީން، މެންބަރަކު ވަކިކުރުމުން ވެސް އިސްތިއުފާ ދިނުން ވަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ބިލްގައި ހިމަނާފައެވެ. އަދި ކުރީން ބިލްގައި އޮތް ދާއިރާގެ ރައްޔިތުންގެ މެދުގައި އެ މެންބަރަކު މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ނަގަން ހުށައަޅާ ރީކޯލް ވޯޓާ ގުޅޭ މުޅި ބާބު ވަނީ އުނިކޮށްފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ