އައްޑޫގައި ދިވެހި ފިރިހެނަކަށް އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފި

އައްޑޫ ސިޓީގައި ދިވެއްސަކަށް އަނިޔާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށް ކަަމަށާއި އެމީހާ ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.
އަދި ފަރުވާ ދިނުމަށް ފަހު އެމީހާ ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
އައްޑޫގައި މީހަކަށް އަނިޔާ ދީފައިވާ ކަމަށް ބުނެ ސޯޝަލް މިޑިއާގައި އަންނަނީ ފޮޓޯތަކެއް ވައިރަލް ވަމުންނެވެ. އެ ފޮޓޯތަކުން ފެންނަނީ ގަސް ބުޑެއްގައި ފާރެއްގައި ލެގިގެން ބިންމަތީ އިށީނދެގެން އިންނަ ފިރިހެނެކެވެ. އޭނާ ޖިންސެއް ލައިގެން ހުންނަ އިރު ހަށިގަނޑުގައި އިތުރު އަންނައުނެއް ނެތެވެ. ހަށިގަނޑުގެ އެތަން މިތަނުގައި ލޭ ހުރި އިރު ބޮލުގައި އަދި ކޮނޑުގައި ޒަހަމްތަކެއް ހުރި ކަން އެ ފޮޓޯތަކުން ފާހަގަވެއެވެ.
މި ފޮޓޯތައް ހިއްސާ ކުރި ފަރާތުން ބުނެފައިވާ ގޮތުގައި އެމީހާއަށް އަނިޔާ ދީފައި ވަނީ މޫނު ބުރުގާ އަޅައިގެން ތިބި ތިން މީހުން ކަމަށާއި އަނިޔާ ލިބުނު މީހާއަކީ ވެމްކޯގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އެމީހާއަށް އަނިޔާ ދީފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި އަނިޔާ ދީފައި ވަނީ އެމީހާ ދިރިއުޅޭ ގެއަށް މޫނު ބުރުގާ އަޅައިގެން ތިބި ތިން މީހުން ވަދެގެން ކަމަށް ވެސް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ