މޫނު ނިވާކޮށްގެން ތިބެ އައްޑޫ ގެޔަކަށް ވަދެ މީހަކަށް އަނިޔާކޮށްފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އައްޑޫ ސިޓީގެ ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެފައިވަނީ އައްޑޫސިޓީ، ހިތަދޫ ގެއަކަށެވެ. އެގެއަށް ތިން މީހަކު ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ ފަތިހު އެގެއަށް ވަދެ، އެ ގޭގައި އުޅުނު މީހަކަށް އެކިވަރުގެ އަނިޔާ ދީފައިވާ ކަމަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހާގެ ޒަޚަމްތައް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާއަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އެގޮތުން ބޮލަށާއި އަތަށް ޒަޚަމްތަކެއް ލިބި، ގިނަ އަދަދެއްގެ ލޭ ވަނީ ފައިބާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު މީހާއަކީ ސ. ހިތަދޫ ވެމްކޯ އޮފީހުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް އަނިޔާކޮށްފައިވާ ކަމަށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ