ޓޯނީގެ ދެލަނޑާއެކު ޑަމަކް އަތުން އަލް އަހްލީއަށް އުނދަގޫ މޮޅެއް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޑަމަކް އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެލަނޑާއެކު 4-2 ގެ ނަތީޖާއަކުން އަލް އަހްލީ މޮޅުވެއްޖެއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް އަހްލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފީޑަރު ގެބްރީ ވެއިގާއެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް އިވާން ޓޯނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޑަމަކުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އައިމަން ފަލްތާހް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
Advertisement
ނަމަވެސް މެޗުގެ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އަލް އަހްލީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އިވާން ޓޯނީ އެވެ. މިއީ ޕްރެމިއާ ލީގުގެ ބްރެންޓްފޯޑް ދޫކޮށް ސައުދީ ލީގުގެ އަލް އަހްލީއަށް ބަދަލުވި ފަހުން އެޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ޑަނަކުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހުހާފުގެ 65 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަލްޖީރިއާ ޑިފެންޑަރު ފާރޫޚް އެވެ. އަދި މިނަތީޖާއެކު މެޗުގެ ކުޅުން ނިމެންދަނިކޮށް އަލް އަހްލީ އިން ތިންވަނަ ފަހަރަށް މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައެވެ. 
މިލަނޑު އެޓީމުގެ ކެޕްޓަން ރޮބާޓޯ ފާރްމީނޯ ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު އިތުރު ވަގުތުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޯނީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖައަކުން އަލް އަހްލީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން އަލް އަހްލީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. އަދި މިމެޗުން ބަލިވި ޑަމަކް ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ