ޣީބަބުނުމާއި އަބުރު ކަތިލުމުން ދުރުހެލިވޭ: ހުތުބާ

އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބައެއް ކަމަށާއި، މިއަދު ފެންނަނީ އިސްލާމްދީން ދަސްކޮށްދީފައިވާ ގޮތާ ޚިލާފަށް އެކަކު އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، ފުރައްސާރަކޮށް، އަބުރު ކަތިލާ މަންޒަރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.ގިޔާމަތް ދުވަހާ ގުޅޭ ހުތުބާގައި ފާހަގަކުރި ގޮތުގައި އެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް ކަމުގަ އެވެ. އެ ދުވަހުގެ ބިރުވެރިކަން ސިފަކޮށްދީ ހުތުބާގައި ބުނެފައިވަނީ އެ ދުވަހު އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި އަނބިދަރިންނާއި އެއްބަނޑު އެއްބަފާ މީހުން ގޮތް ހުސްވެފައި ތިއްބައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބެހެއްޓޭނެ ކަމަށެވެ. އަދި ނަބަވީ އިރުޝާދުގައި އެ ދުވަސް ސިފަކޮށްދެއްވާފަައިވާ ގޮތް ބަޔާންކޮށްދެމުން ހުތުބާގައި ބުނެފައިވަނީ އެ ދުވަހު މީހުން މަހުޝަރު ބިމުގައި ޖަމާވެފައި ތިބޭއިރު އެ މީހުންނާ އިރާ ދެމެދު ހުންނާނީ މޭލެއްހައި ދުރުމިން ކަމަށެވެ.ހުތުބާގައި ގިޔާމަތް ދުވަސް ސިފަކޮށް ބުނީ، އިސްވެދިޔަ އުންމަތްތަކުގެ މީހުންނާއި ފަހުގެ އުންމަތްތަކުގެ މީހުން މަޙްޝަރު ބިމަށް ޖަމާވެފައި ތިބޭ ހިނދު، އިރު ހުންނާނީ އެ މީހުންނާ މޭލަކަށް ކައިރިކުރެވިފައިކަމަށް ރަސޫލާގެ އަރިހުން ސައްހަ ގޮތުގައި ސާބިތުވެގެންވާ ކަމަށެވެ.ގިޔާމަތް ދުވަސް ދިގުލައިގެން ދިޔުމުގެ ސަބަބުން މީސްތަކުންގެ ހާލު ބޮޑުވެ، ކަރުހިއްކުން އިންތިހާއަށް އިތުރުވެފައި ވަނިކޮށް މާތްﷲ ގެ ރަހުމަތުން އެކަލާނގެ ނަބިއްޔާއަށް ހައުޟުކޮޅު ދެއްވާނެ ކަމަށެވެ. އޭގެ ފެން ކިރަށް ވުރެ ހުދުވާނެ ކަމަށާއި މާމުޔަށް ވުރެ ފޮނިވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އެއިން ފެންބުއިމުގެ ނަސީބު ލިބިގެން ދާނީ މާތްﷲއަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެއަށް އިޚްލާސްތެރިކަމާ އެކު އަޅުކަންކޮށް، ނަބިއްޔާއަށް ތަބާވާ މީހުންނަށް އެކަނި ކަމަށް ހުތުބާގައި ބުންޏެވެ.މި މުޖުތަމަޢުގައި މިއަދު މިވަނީ އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، އަޅައިލުމާއި އޯގާތެރިވުންފަދަ ކަންކަން ހިތާމަކުރަންޖެހޭ މިންވަރަށް ދަށްވެފައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މިއަދު ފެންނަނީ، އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދީފައިވާ ގޮތާ ހިލާފަށް އެކަކު، އަނެކަކުގެ މައްޗަށް ދޮގުތައް ހަދައި ޣީބަބުނެ، އާޑަފުރައްސާރަކޮށް، އޭނާގެ އަބުރު ކަތިލާ މަންޒަރު ކަމަށެވެ.އަދި، މީސްމީޑިޔާއާއި، ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކޮށްގެން، މާތްﷲ ހަރާމްކުރެއްވި ފަދަ ބޮޑެތި ފާފަތަކަށް އަރައިގަތުމުގައި ބަޔަކު އަވަދިނެތި އުޅޭއިރު، އެ މީހުންނަށް މި ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ހީވެސްނުވާ ކަމަށް ހުތުބާގައި ބުންޏެވެ.އިތުރަށް ހުތުބާގައި ބުނެފައިވަނީ ގިޔާމަތްދުވަހަކީ ހިސާބު ބެއްލެވޭނެ ދުވަހެއް ކަމަށާއި، އެ ދުވަހުގައި އަމަލުތައް ވަޒަންކުރެވޭނެ ކަމށާއި އެގޮތުން ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮކަމެއް ވިޔަސް އަދި ނުބައިކަމެއް ވިޔަސް ގެނެވޭނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން މާތްﷲ ބޭއިންސާފެއް ނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ