ވިޔަފާރިވެރިއެއްގެ ބޮޑު ތުހުމަތެއް؛ ސަރުކާރުގެ އައިނު ފިހާރަ ހިންގަނީ ލަންކާ ބަޔަކު! ވިޔަފާރިވެރިއެއްގެ ބޮޑު ތުހުމަތެއް؛ ސަރުކާރުގެ އައިނު ފިހާރަ ހިންގަނީ ލަންކާ ބަޔަކު!

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިގެ ހިންގުން ބޭރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ، ދިވެހި ވިޔަފާރިވެރިއަކު ބޮޑު ތުހުމަތެއްކޮށްފި އެވެ.
މުއިއްޒު ވިޔަފާރިވެރިންނާއެކު ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ގެސްޓްހައުސް އަދި އައިނު ފިހާރައިގެ ވިޔަފާރި ކުރާ އަހުމަދު ނަސީމް ބުނީ، އައިޖީއެމްއެޗްގެ ތެރޭގައި ހިންގާ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" އަކީ ސްްރީލަންކާގެ ބައެއްގެ ބޮޑު ބައިވެރިވުމެއް އޮތް ވިޔަފާރިއެއް ކަމަށެވެ.
މިއީ ދިވެހި ވިޔަފާރިވެރިން ބާކީކޮށް، ގައުމުގެ ފައިސާ ބޭރުވަމުންދާ "ހިތާމަހުރި" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ނަސީމް ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ ރައްޔިތުން މިހާރު އައިޖީއެމްއެޗުން އައިނު ހައްދަމުންދާއިރު، އެ ހުރިހާ ފައިސާއެއް ލަންކާގެ ބަޔަކަށް ލިބޭ ގޮތަށް އޮތުމަކީ ގައުމުގެ އިގްތިސާދަށް ލިބޭ ބޮޑު ގެއްލުމެކެވެ.
"ލަންކާ ބަޔަކަށް އައިޖީއެމްއެޗްގެ ތަނެއް ދެއްވިއިރު، މާލޭގައި އެބަތިބި އެފަދަ ތަނެއް ހިންގޭނެ ގާބިލް ދިވެހި ވިޔަފާރިވެރިން. އެފަދަ ވިޔަފާރިވެރިޔަކަށް އައިޖީއެމްއެޗް ހިންގަން ދިންނަމަވެސް މާ ރަނގަޅު ވާނެ،" އޭނާ ބުންޏެވެ.
"[މިއީ] ކުރިއަށް އޮތް ތަނުގައި ސަމާލުކަން ދީގެން އިސްހާކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން އެކަންތައް."
ސަރުކާރުން މިފަދަ ވިޔަފާރިއެއްގެ ތެރެއަށް ވަނުމުގެ ކުރިން ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކޮށްފައި ނެތް ކަމަށާއި، އެފަދަ މަޝްވަރާ ކުރެވުނު ނަމަ 2000ރ އަށް ލިބޭ އައިނު ދިވެހި ވިޔަފާރިވެރިންނަށް ވެސް ދެވޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
އައިނު ހައްދަން އާސަންދައިން ދޭ އަދަދު 2000ރ. ބޮޑުކުރީ ސަރުކާރުގެ އައިނު ފިހާރަ ހުޅުވުމުގެ މަހެއްހާ ދުވަސް ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ