ޖުންޖުލާ 5
"ގުރުއާނަކީ މަތާރަންފިލާ ޒީނަތްތެރިކުރަން ބާއްވާފައި ވާ އެއްޗަކަށް ނަހަދާށެވެ. އަދި ދުވާލުގެ ތާވަލާއި ސޯޝަލް މީޑިއާއިން ނިމިގެން ވަގުތެއްވުމުން ކިޔަވަން ފަސްނުކުރާށެވެ. އެންމެ އިސްކަންދޭންވާނީ ﷲގެ ކަލާމްފުޅަށެވެ. ދުވަސްފަށަންވާނީ ނަމާދާއި ޒިކުރު އަދި ގުރުއާން ކިޔެވުމުންނެވެ." *** އޭނަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. އެ ވޭނާއި ތަދު ހިތުން ނުފިލިޔަސް އެއީ އަދަބެއްކަމުގެ އިހުސާސް ނެތިގެން ދިޔައެވެ. އެއީ އަޅުކަމެކެވެ. އެ އަޅުކަން ނިންމަން މުޅި ހަޔާތްވެސް ނަގާފަދަ އަޅުކަމެކެވެ. އޭނަ އުޑާއި ދިމާލަށް އެނބުރެމުން ކޮޅަށް ތެދުވުނެވެ. އަދި މަޑުމަޑުން ކިޔައިލިއެވެ. "ޔާﷲ ޔާ އަރްހުމާން...ދަ މޯސްޓް މާސިފުލް...ޓީޗް މީ މާސީ..." އޭނަ ބެލްކަނިން ބޭރަށް ނިކުތުމައެކު ވާރޭގެ ތިކިތައް އޭނަގެ މޫނުގައި ބީހިލިއެވެ. މިފަހަރު އެހާ ފިންޏެއްނޫނެވެ. އޯގާތެރި ބީހުމެކެވެ. ހީވީ އުދަރެހުން ޖަވާބު ލިބުނުހެންނެެ. *** ފަތިސްވެގެން އައިއިރު ވާރޭ ކޮންމެވެސް ވަރަކަށް ތުނިވިޔަސް އުދަރެހުގައި އެއްވަމުން ދިޔަ ބޯ ވިއްސާރަ ވިލާތަކުގެ ސަބުން ހާމަކޮށްދެނީ އަދިވެސް ތޫފާން އެތަން ދޫކޮށް ދާން ނުނިންމާކަމެވެ. އާރިކް އޭނަގެ ވާރޭ ކޯޓު ހިފައިގެން ނިކުތްތަނާ ފައި ކައިރިން ނިކްސަން ފެނުމާއި ގޮވުމާއި އައީި އެކީގައެވެ. "ރަގަޅު..ކޮންމެވެސް މީހަކު މިސްކިތަށް ދާން ބޭނުންވެފައި.."އޭނަ އެ އޮރެންޖުކުލައިގެ ކެހެރި ގުޅަވަރު އަތުތެރެއަށް ނެގިއެވެ. އެސޮރު ދެކޮޅުހެދުމަކާއިނުލާ އޭނަގެ ކޮނޑުގައިި ވެޑިގަތްއިރު ފިޔަގަނޑުލީ ބޮޑު ގުރައެއްފަދައެވެ.ނަގޫ ހަލުވަމުން ދާގޮތުން ނިކްސަން ގަޔާވާކަން އެންގިއެވެ. މިސްކިތަށް ނަމާދަށް ގޮސްފައިތިބި މީހުންނަށްވެސް ހީނުކުރާފަދަ މެހުމާނެއް އައުމުން ހައިރާންކަން ލިބުނެވެ. ނިކްސަން ބަސްއަހައިގެން މަޑުމަޑުން ފައިކައިރީގައި އޮތްއިރު އުދުހެމުންދާ މެއްސަކަށް ނަަޒަރު ހުއްޓާލައިގެން އިނދެ ފައިސަލާކުރަމުން ދިޔައިރު އޭނަވެސް މަންމަގެ ފަރާތުން ވެސް އުއްމީދުކުރަނީ އެފަދަގޮތެކެވެ. ނަމާދަށްފަހު އާދައިގެ މަތިން މާމަގެ ސިއްހަތާއި އުމުރަށް އަށް އާޚިރަތަށްވެސް އެދި ދުޢާކޮށްފައި ނިކްސަންގެ ބޮލުގައި ފިރުމާލަމުން ތެދުވުނެވެ. މަންމަގެ މަތިން ހަނދާންވީ މިސްކިތުގެ ހަރިންމައިން ނުކުމެފައެވެ. މަންމައަށް ދުޢާނުކުރެވުނީއެވެ. *** އާރިކް އޭނަގެ މަންމަގެ ކޮޓަރިއަށް ވަންއިރު އެނދުގައި އޮށޯވެލައިގެން ވޭޕުގެ ދުންގަނޑު ވަށްބޮޅެއްހެން ފެތުރިފައިވިއެވެ. މާސްކު އަޅައިގެން އާދެވުނުކަމީ ނަސީބެކެވެ. "މަގޭ ރަންދަރި ދޯ....ކޮބާ ގެނައި އެނާޖީ ޑްރިންކް؟" ޖެނީފާގެ ތަބީއަތު ތަންކޮޅެއް ހަމަޖެހޭ ދުވަހެކެވެ. 'މިއަދަކު ނޫން....ހަމަ ވާހަކަަދައްކައިލަން މިއައީ...."އާރިކް މަޑުކޮށްލީ ތަންކޮޅެއް ދުރުގައެވެ. "ކޮންކަމަކާއިތަ؟ރީހެބްގެ ބައިގެ ރާނީކަމުގެ ޝަރަފު ލިބުނުގޮތެއް ބަލައިލަން؟ ނޫނީ ވާރެއަކީ މޫޑު ސަކަރާތްވީމަ ރަގަޅުކޮށްލާ ބައިވެރިޔެކޭ ބުނަން؟" "ތި ދެ ކަމާއި ބެހޭގޮތުންވެސް...."އޭނައަށް ހެވުނެވެ. ޖެނީފާ ދުމުގެ ބޮޑު ކޮޅިގަނޑެއް ފޮނުވައިލިއެވެ."އެނގޭތަ؟މި ވާރޭ ހަނދާންކޮށްދެނީ އަހަރެން ފުރަތަމަ އެޑިކްޓްވީ ދުވަސް....ވަރަށް ބޯކޮަށް ދުވަހަކުވެސް ނުހުއްޓޭނެހެން...ދެވިހިފުމަކީ އެކަހަލަކަމެއް..ސަލާމަތްނުވާނެ ތޫފާނެއް..." "ވޭޕިން؟" އާރިކް އޭނަގެ މަންމަގެ މޫނަށް ފަރުވާތެރިކަމާއެކު ބެލިއެވެ. "ދެވިހިފުމަށް އެހީތެރިވެދޭ.."ޖެނީފާ އަވަސްއަވަހަށް ބުނެލިއެވެ."ގްރޫޕް ތެރަޕީއެއްގެ މެދުގައި ސިގްރެޓެއް ރޯކޮށްލުމަށްވުރެ މީތި މާ ރަގަޅެއްނު.." "ޑްރަގް ގެނެސްދޭންވީތަ؟" "ހިރޮއިން ސްމަގްލްކޮށްދޭން ބުނެފިއްޔާ ގެނެސްދޭނަންތަ؟"ޖެނީފާ ހީގަތެވެ. އެހުނުމުގައި ހިތިކަންވިއެވެ. "ނޫން...ކީއްވެކަން އެނގޭތަ؟ އަޅާލާތީ.....ސިއްހަތާއިމެދު....މުސްތަގުބަލާއިމެދު...އަމިއްލައަށް އެކަމާއި އަޅާނުލިޔަސް.." ޖެނީފާ ކުޑަދޮރާއި ދިމާލަށް ބަލަންފެށީ އެ ޖެއްސުމުގެ މަތިގަނޑު އަޅައިގެން ހުއްޓާ ބަލިކަށިކަން އާރިކްއަށް ފެނިދާނެތީއެވެ. "ޑްރަގަކީ ބޮޑު ހަލާކެއް..ފަނާކޮށްލާއެއްޗެއް...ހުރިހާ އެއްޗެއް ހަލާކުކޮށްލާ..."އޭނަ މަޑުމަޑުން ވާހަކަދެއްކިއެވެ."ތިމާދެކެ ލޯބިވާމީހުން...ލިބެން އޮތް ދިރިއުޅުން..." "ފަހަރެއްގައި އަހަރެން ތިބުނާ ރަގަޅު ދިރިއުޅުމެއް ހޯދާވަރަށްވުރެ ނުބައިވެއްޖެ..." "ނޫން...އެހެނެއްނޫން އެކަންތައް އޮތީ..ކޮންމެ މީހަކަށްވެސް ކުށުގެ މާހައުލުން ނުކުމެވެން އޮވޭ....ފުރާނައަކީ އަގުބޮޑު އެއްޗެއް..އެފުރާނައިގެ ވެރި ހަޟުރަތަށް ދާއިރު އެއްވެސް މީހަކު ބޭނުމެއްނުވާނެ ގޯސްގޮތުގައި ހުންނަން...ރަގަޅު މަގަށް ނިކުންނަން އެހީތެރިކަން ބޭނުންވަނީ...ގިނަމީހުންނަށް ހަޔާތުގައި ދިމާވަ ކަންތައްތަކުން އެފަދަ އަނދިރި ރާސްތާ ޚިޔާރުކުރެވޭ..ނަމަވެސް ތައުބާއަކީ އޮތް އެއްޗެއް...ނޭވާލަންޏާ ތައުބާވެސް ވެވޭނެ..." "ކޮންއިރަކުން ކަލޭ ޝޭޚަކަށްވީ؟ އަދި އަހަރެން ޖަހަންނަމަށް ދިޔަސް އެކަމާ ހިތާމަކުރާވަރުގެ މީހަކު ހުރިކަމެއް ނުދަންނަން..މަގޭ މަންމަވެސް ހުރީ މަށަށް ހިތް ނުބައިކޮށްގެން....ދެން މިފަދަ މީހަކަށް ޖަންނަތު ލިބޭނެ..އެނގޭތަ؟ މަންމަ މަށަށް ހަތް ދުވަހު ދިން ނަމަކީ ޖަންނަތު....އެއީ މަންމަވެސް މަންމަގެ ދަރިދެކެ ވީ ލޯތްބެއްގެ ބޮޑުކަމުން، އެކަމަކު އެދަރި ނުވި ނިއުމަތަކަށް...މަންމަ ކިޔާނެ..ދަރިންނަކީ ﷲ ދެއްވާ ނިއުމަތެކޭ ނޫނީ ބަލާއެކޭ........އަހަރެން ފުރަތަމަ މިބުނި ބައިގާ ނުހިމެނެއެއްނު..."ޖެނީފާ ބޯ ހޫރައިލިއެވެ."އެހެންވެ ހިތް ހަމައްޖައްސަން މިކަމުގެ ތެރެއަށް ވަނީ..." "ނޫން...މާމަ ފަހަރެއްގައިވެސް ހިތް ނުބަޔެއްނުވާނެ..އެއަށްވުރެ މާތް ހިތެއް ލިބިފައިވަނީ...." "އެހެންވެ ދޯ މަގޭ ގާތު ބުނީ......އަމް..."ޖެނީފާ ބުނަން އުޅުނު ޖުމްލަ ދިރުވައިލިއެވެ. "ކީކޭ މާމަ ބުނީ؟" "ކޮންމެހެން އަހަރެން އެވާހަކަ ބުނަން ޖެހޭތަ؟ ހާދަ ސުވާލު ގިނައޭ ދޯ....މިތަނުން ދޭ.....އަވަހަށް ނުކުމޭ.."ކުއްލިއަކަށް ޖެނީފާ އަލިފާނުގެ ބެލުމަކުން ބަލައިލުމުން އާރިކްގެ ހިތަށް ފިނިވެގެން ދިޔައެވެ. އޭނަ ގުޅުން ރަގަޅުކުރަން ކިތަންމެ މަސައްކަތްކުރިޔަސް މަންމަގެ ހިތުގައި އެއްވެސް ކަހަލަ ލޯތްބެއް ކީއްކުރަން ކުލުނެއްވެސް ނެތެވެ. ﷲ ތައާލާ އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. ހިތާމައަކީ އެދެމީހުންވެސް އެފަދަ ފުރުސަތެއް ނުދޭކަމެވެ. *** ވާރޭ ވެހިގަތީ ވައިފައިވެސް ޣަރަގުކޮށްލާފަދައިން ބޮޑެތި ޝީޓުތަކެއް ފައިބައިގަތްހެންނެވެ. އާރިކް ނަމާދުކުރާ ބަޔަށް ވަދެ މުސައްލަ މައްޗަށް އެރުމާއެކު އެހެން ދުނިޔެއަކަށް ވަދެވުނުފަދަ އިހުސާސެއް ކުރެވުނެވެ. އަމާންކަމާއި ހިތްހަމަޖެހުން ލިބުނެވެ. އެންމެފަހުން ހިމޭން އަރާމު ވަގުތުކޮޅެއް ލިބުނީއެވެ. އެދެމީހުން ނުލައެވެ. ފަހު ޖުމްލަ ސިކުނޑިއަށް ވެރިވީ އޭނަގެ އިޚުތިޔާރަކާއި ނުލައެވެ. އޭނަ ދެއަތް އުފުލައިލަމުން ﷲއަކްބަރު ކިޔައިލިއެވެ. އެންމެ ފަހަރަކު ނަމަވެސް އެއްވެސް މެދުކެނޑުމެއް އަނގަ ތެޅުމެއް ހަލަބޮލިކަމެއްނެތި ހަމަ އެކަނި އޭނައާއި ހެއްދެވި ފަރާތެވެ. މި ހިމޭންކަން.....އާހް...ކުއްލިއަކަށް އެއްޗެއް ތަޅައިގަނެގެން ދިޔަ އަޑުފަށްގަނޑަކުން ހިތްވަރުގަދަ މީހަކުވެސް ސިއްސުވައިލާނެއެވެ. ކޮޓަރީގެ ދޮރު ހުޅުވައިލިލެއް ބާރުކަމުން އޭގެ ހުޅުތައްވެސް ނުނެއްޓި ސަލާމަތްވީ ހަމަ ކިރިޔާއެވެ. "ޑޮކްޓަރ...."އަލާނާގެ ތޫނު އަޑު އޭނައަށް އިވުނީ ބަރުގޮނެއްގެ ގޮތުގައެވެ. އޭނަ ތަކްބީރުގެ މެދުތެރެއިން ހުއްޓުން އެރިއެވެ. ލޯ މަރައިލެވުނެވެ. "އަލާނާ...."އޭނައަށް ދަތްކުނޑިވިކައިލެވުނެވެ."ކީއްކުރަން ތިއައީ؟ ނަމާދަށް ހުރިތަން ނުފެނޭތަ؟" "ނަމާދަށް ހުރެ މީހުން ވާހަކަދައްކާތަ؟"އޭނަ ބޮޑުވާ އިނގިލީގެ ކުރި ޖައްސަމުން ކައިރިއަށް އައީ ކުށްވެރިވެފައިވާގޮތަކަށް އަނގަ ހަދާލައިގެންނެވެ. އޭނަގެ އަތުގައި ހުރީ ކީމިޔާާ ތަބަކެވެ. "ކުޑަ ނާސްތާއެއް ގެނައީ؟" "ނަމާދުކުރާ ތަނުގައި؟" އޭނައަށް ގަބޫލުކުރަން ދަތިވިއެވެ. ދީނީ އެއްވެސް ކަންފުޅެއް މިކުއްޖާގެ އަމަލުން ނުފެނެއެވެ. ނަމާދުކުރަން ހުއްޓާ ވަސްވާސްދޭނީވެސް ޝައިތާނާގެ ލާހި ދަރިނޫންހެއްޔެވެ؟ "މިއީ ވެޖީ....."އަލާނާގެ ލޮލުގެ ވިދުވަރު ނިކަން ގަދައެވެ."ކޮންމެހެން ނަމާާދު މެދުކެނޑުމުގެ ނިޔަތެއްނެތް..ހޯލީ ސްޓަފްއަށްފަހު ބަނޑުހައިވެދނެތީ...." "ހޯލީ ސްޓަފް؟" ހައިރާންކަމާއިއެކު ރުޅިވެރިކަން އިންތިހާއަށް ދިޔަނަމަވެސް އޭނަ ކެތްތެރިވިއެވެ. ދުނިޔޭގައި ކާފަރުންވެސް އުޅެނީނޫންހެއްޔެވެ؟ އެމީހަކު ކުރިކަމެއް އެމީހަކަށެވެ. މިއީ އޭނައާއިއެކު މަސައްކަތްކުރިޔަސް މުހިއްމު ކުއްޖެއްނޫނެވެ." އަލާނާ...މިއީ ރެސްޓޯރެންޓެއްނޫން......" "އޯ..ސޮރީ މައި ބޭޑް..."އޭނަ މަޑުން ބުނަން އުޅުނަސް އަޑު ހަރެވެ. އޭނަ މަޑުން ބުނިއެތި ދިފާއުކުރަން މަސައްކަތްކުރިއެވެ."އަވަހަށް ކުރިއަށް ގެންދޭ..އަހަރެން...މިތާ ހިމޭނުން އިންނާނަން..." އަލާނާ އެކޮޓަރީގެ ކަނުގައި މުސައްލައެއްގެ މައްޗަށް ހަށިގަނޑު ސޮއްސައިލަމުން އިށީނެވެ. ކީމިޔާގެ ވަސް އެތަނުގައި ހިފައިލިއެވެ. އާރިކް ނަމާދަށް ފެށިއެވެ.."ﷲ........." ކޮންމެވެސް މުރަނަ އެއްޗެއް ހަފާއަޑަށް އާރިކްއަށް ބަލައިލެވުނެވެ."ސީރިޔަސްކޮށް މިތާގައި ކަނީ؟" "ޝްޝްޝް.."އަލާނާ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. އަނގަ ފުރެންދެން އެއްޗެއް ލައިގެން އިންއިރު ކޯތާފަތްވެސް ފުއްޕާފައެވެ."އަހަރެން މި މަސައްކަތްކުތަނީ ހަމަ ހިމޭނުން އިންނަން..." އޭނައަށް ލޯ މަރައިލެވުނެެވެ. މިއީ އިލާހީ އިމްތިހާނެކެވެ. ރަހުމަތުގެ ހިމޭންކަމުގެ ސިކުންތުކޮޅަކަށްފަހު ކުއްލިއަކަށް އަލާނާގެ މޫނު ދާދި ކައިރިން ފެނުނެވެ."ކިހާ އިރެއް ނަގާނެ؟" އޭނަ ޖަވާބެއްނުދިނެވެ. "ޑޮކްޓަރ؟" އެވަރުންވެސް އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. "އަހަރެންވެސް ނަމާދުކުރަންވީ ދޯ....އަހަންނަށްވެސް ތިކަން ކުރެވިދާނެހެން ހީވޭ....ކޮން ކޮޅަކަށް ގިބުލަ ހުރީ؟ "އަލާނާ...."އާރިކްގެ ކެތްތެރިކަން ކޮޅުންކައިގެން ދިޔައެވެ."ޕްލީޒް މިތަނުން ދޭ..ހެޔޮނުވާނެ...." "އެކަމަކު ބޫޓުވެސް ބާލައިފިން.." "ތި ބޫޓވެސްު ހިފައިގެން މިތަނުން ދޭ.." އަލާނާ އަވަހަށް ދުއްވައިގަތީ ކީމިޔާއާއި އޭނަގެ ކަރާމާތްވެސް ހިފައިގެންނެވެ."އޯކޭ އޯކޭ...ވާއު..ކޮންމެވެސް މީހަކު ހޭންގްރީ ވެގެން..." އަލާނާ ނުކުތުމާއެކު އޭނަ ދޮރު ތަޅުލައިގެން އަނެއްކާވެސް ނަމާދަށް ފެށިއެވެ. އެއާއެކު އެދިމާލުން ބޭރުގައި ހުރެ އަޑުކޮޅަށް ކިޔައިލި އަޑު އިވުނެވެ."ޑޮކްޓަރ..ތިއާއެކު ބޯން ސައި ނޫނީ ކޮފީ ގެނެސްދެންތަ؟" "ޔާﷲ...މިއީ ހަމަ ފުލްޓައިމް ޖިހާދެއް..ކިހިނެއް ސަލާމަތްވާނީ؟ އަނގަ ގަދަކަމުން....ދީނަށްވެސް ހުރުމަތްތެރިކޮށް ހިތުމެއްނެތް. އެކުއްޖާ ދީނަށް ހޭލުންތެރިކުރުވާނީ ކިހިނެއް....ހެދުން އަޅައިގެން ހުންނަގޮތުންވެސް ބޮލަށް އުދަގޫވޭ. އަހަރެންގެ ފަހަތުގައި އަޅުވައިގެން އުޅެނީ އަނެއްކާ.....އެހެނެއްނުވާނެ. ޔަގީނުންވެސް އަހަރެންގެ ނެތް އެކަހަލަ ނިޔަތެއް..މީހަކާއި ކައިވެނިކުރުމަކީ ލިސްޓުގައިވާ އެންމެ ފަހުގެ ކަންތައް........އެއީ ސައިކޭޓްރިސްޓެއް އެކަމަކު ޝްރިންކެއްގެ އެހީ ބޭނުންވެފައި.."އާރިކް ގޮނޑީގައި ލެނގިލައިގެން އިނދެ ލޯ މަރައިލިއެވެ. *** ހޮސްޕިޓަލުގެ ކެފޭތެރޭގެ ހިމޭންކަން ކަފައިގެން ދިޔައީ ތަންކޮޅެއް ދުރުން ބްލެންޑާއެއް ހޭލައިގަތް އަޑުފަށްގަނޑަށެވެ.ކެފޭގެ ކަނެއްގައި އަމިއްލަ މަސައްކަތެއްގައި އިން އާރިކްއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނަ ނޯޓު ލިޔަން އިންދާ ނޭފަތުގައި ޖެހުނީ އެއްޗެއް އަނދަންފެށި ވަހެވެ. އިރުކޮޅެއްނުވަނީސް މޭޒަށް އެޅުނީ ހިޔަންޏެކެވެ. ހިޔަނިންވެސް ކާކުކަން ދެނެގަނެވުމާއެކު އޭނަގެ ހުރިހާ އުފަލާއި ހިތްހަމަޖެހުމެއް ނެތިގެން ދިޔައެވެ. "ޑޮކްޓަރ....މިތާ...." އަލާނާގެ އަޑު އައީ ލަވައެއް ހެންނެވެ. އޭނައަށް ލޯ މަރައިލެވުނެވެ. އަނެއްކާވެސް ކަންތަކާއި ޖެހުނީއެވެ. އޭނަ ލޯ ހުޅުވާލާފައި ބަލައިލިއިރު އަލާނާ ހުރީ ކައްކާއެއްގެ ތޮފި އަޅައިގެންނެވެ ކެފޭގެ ސްޓާފެއްގެ އެއްޗެއް އަތުލައިގެން ނޫނީ ވަގަށް ނަގައިގެންނެނެވެ. އަތުގައި ހުރި ތަބަކުގެ މަތީގައި ކުޑަ ފޮތިކޮޅެއް އަޅާފައެވެ. "ޑޮކްޓަރ ބަނޑުހައިވެދާނެތީ ޑިނާ ހިފައިގެން މިއައީ.."އަލާނާ ފަޚުވެރިވިއެވެ. އޭނަ އެސްފިޔަ ޖަހައިލިއެވެ."އަލާނާ..ކެއްކީ؟" "ޔެސް....މާފަށް އެދުމުގެ ގޮތުން...އެނގެއެއްނު....އެކްސިޑެންޓަކުން ރޫހާނީ ބަބްލްއަކަށް ވަދެގަނެވުނީ..." "އއީ ބަބްލްއެއްނޫން...ނަމާދު....."އާރިކްގެ ބުމަކައިރިވިއެވެ. މިކުއްޖާއަށް ނަމާދުވެސް ނޭގެނީހެއްޔެވެ؟ ނޫނީ މިޒަމާނަށް އުފެދިގެން އުޅޭ ދީން ގަބޫލުނުކުރާ ޒާތުގެ މީހެއްހެއްޔެވެ؟ ސުބުހާނަﷲ...އޭނަގެ ހަޔާތަށް މިފަދަ އަންހެނެއްގެ ހިޔަނި އެޅެންވެސް ނޭދެއެވެ. "އެންމެ ރަގަޅު..ތިހެން..."އަލާނާ ފޮތިކޮޅު ނެގީ ޖާދޫގަރެއްފަދައިން ކުޑަކޮށް ހޫރުވައިލަމުންނެވެ."އެނީވޭސް...މިހިރީ..." "ތިއީ ކޯނޗެއް؟"އޭނަ އެތަށްޓަށް ބަލައިލިއެވެ. "މޯލްޑިވިއަން ފްރައިޑް ރައިސް..." "އެ...ކަޅުކޮށް މިހިރީ...."އާރިކް ހައިރާންވިއެވެ. އޭނަ މިފަދަ ފްރައިޑް ރައިސްއެއް ދެކުނީ އަލަށެވެ. "އެއީ ކްރިސްޕީކަމުން.." "އޯ...ތެންކިއު.."އާރިކް އުލުން ޖައްސައިލުމުން ވެެއްޔެކޭ ތަފާތެއްނެތެވެ. "އަނދާފައި ދޯ މިހިރީ...."އާރިކް އެހިއެވެ. "ޢެކްސްކިއުޒް މީ...ނޫން...ކުޑަކޮށް ސްމޯކްކޮށްފައި..މިޝެލިން ޝެފުން ހަދާހެން...." "އެކަމަކު މި ބަތްގަނޑު މިހިރީ އަފްޓާލައިފް ދެކެފައިހެން މަށަށް ހީވަނީ.." އާރިކްގެ ލޮލުން ބިރުވެރިކަން ފެނިލިއެވެ. އެއްވެސް ކަމެއްގައި މި އަންހެންކުއްޖާއަށް އިތުބާރުކުރެވެން ނެތެއެވެ. "އޯ ކަމޯން..ރަހަ ބަލައިލީމަ އެނގޭނީ..."އަލާނާ ތަށި ކައިރިކޮށްލިއެވެ."ފެށުމުގެ ކުރިން ބިސްމިވެސް ކިން..." "އެހެންވިއްޔާ މިއީ ހަމަ ޔަގީނުންވެސް އިމްތިހާނެއް.."އާރިކްގެ ނަޒަރުގައި ވީ ޝައްކެވެ. އޭނައަށް އަލާނާ ހުއްޓުވުމުގެ ކުރިން ބަތް ސުވަލެއް ނަގަފައި އަނގަޔާއި ކައިރިކޮށްލިއެވެ."އާ ކިޔާބަލަ..." "ޢަލާނާ......" މާ ލަސްވީއެވެ. ވަގުތުން އޭނަ އެކަމާއި ހިތާމަކުރިއެވެ. އަނގަޔަށް ކޮށްޕައިލި ސުވާ ވައްޓައިލެވޭކަށްވެސް ނެތެވެ.އޭނަގެ މޫނުން ފަސް ސްޓޭޖެއްގެ ޖަޒުބާތު އެ ދެސިކުންތުކޮޅުފެނުނެވެ. ޝޮކާއި ހައިރާންކަން މާޔޫސް ވޭން އަދި އެންމެ ފަހން ހަތިޔާރު ބެހެއްޓުމެވެ "ކިހިނެއް ރަހަ..."އަލާނާ ކުރިއަށް ޖެހިލިއެވެ. "ވަރަށް ޔުނީކް..." އޭނަ ހަފައިލުމެއްނެތި ދިރުވައިލީ ދެކޮޅުވެރިކަން ނުބާއްވަންވެގެންނެވެ. "ރަގަޅު ގޮތަކަށް ޔުނީކް؟" "ޔުނީކް.."އޭނަ އާދައިގެ ގޮތަކަށް ބުނެލިއެވެ. "ޔޭ....އެހެންވީމަ މާފުކުރީ ދޯ.." އަލާނާގެ ލޯ ވިދައިގަތެވެ. "އަހަރެންގެ ޓޭސްޓްބަޑް މާފުކުރާނެކަން ނޭގެނީ..." އެވަގުތު ނަރުސްކުއްޖަކު އެދިމާލަށް އައެވެ.އެކުއްޖާއަށް ބަލައިލެވުނީ މޭޒުމަތީގައި ހުރި ކަޅުކުލައިގެ ބަތްގަނޑަށެވެ. "ކާކު ކެފޭ އަނެއްކާ އަންދައިލީ؟"އެކުއްޖާ މަޑުމަޑުން އެހިއެވެ. "އެކްސްޕެރިމެންޓް...." "ޔޫ އާ އަންބިލީވަބްލް އަލާނާ.."އާރިކްއަށް އިހުސާސްވީ ސީދާ ބޭވަފާތެރިކަމެވެ. "ޑޮކްޓަރ...އެކަމަކު އެއްބަސްވާންވާނެ...އަހަރެން އައުމުގެ ކުރިން އާރިކްގެ ލައިފް ވަރަށް ބޯރިން....." "ނޫން..ވަރަށް ހިމޭން...އަރާމު.."އޭނަ ބަލައިލީ އަނދާފައި ހުރި ބަތް ތަށްޓަށެވެ. "އެއީ އޯވާރޭޓެޑް އެއްޗެއް.."އަލާނާ އެއްލޯ މަރައިލިއެވެ."އަވަހަށް ކައިލާ....އޭރުން ކެރެކްޓާ ވަރުގަދަވާނެ..." "އަލާނާ..ކޮންމެވެސް ދުވަހެއްގައި އަލާނާއާއިމެދު މެޑިކަލް ލީވް ނަގަން ޖެހޭނެކަން ޔަގީން..."އޭނަ ބޯ ހޫރައިލިނަމަވެސް ތުންފަތަށް ކުޑަ ހިނިތުންވުމެއް ވެރިވާން އުޅުނެވެ. "އޭރުން އަހަރެން އާރިކްގެ ޝިފްޓް ހަދާނަން..."އަލާނާ ނިކަން އުފާވެރި ހިނިތުންވުމެއްގައި ބުނެލިއެވެ. "ޔާ ﷲ...ނޫން.." އާރިކްއަށް ބުނެވުނެވެ. ކުއްލިއަކަށް އާރިކްގެ ނަޒަރުގައި އަޅައިގަތީ ނިގާބުގައި ތިބި ދެ އަންހެންކުދިންނެވެ. އޭނައަށް އެދިމާލަށް ބަލައިލެވުނުއިރު އަލާނާގެ ނަޒަރުވެސް އެދިމާލަށް ދަތުރުކުރިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ