މި މީހާ ގްރެޖުއޭޓްވީ 90 އަހަރުގައި، ސާބިތުކޮށްދިނީ އުމުރަކީ ނަންބަރެއްކަން
ތައުލީމު ހާސިލުކުރަން ފެށިތާ 70 އަހަރު ފަހުން، އިނގިރޭސިވިލާތުގެ ލަންޑަންޑެރީއަށް ނިސްބަތްވާ މެރެއިޓް މެކްފާލޭންޑް އިނިގިރޭސި އަދަބިއްޔާތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށް ގްރެޖުއޭޓްވެއްޖެއެވެ. މިހާރު އުމުރުން 90 އަހަރުވެފައިވާ މެރެއިޓް ބީބީސީއަށް މައުލޫމާތު ދެމުން ބުނީ, ކިޔެވުން ނިންމާލުމަށް ފަހު ގްރެޖުއޭޓްވެވުނުކަން ގަބޫލުކުރަން ވެސް ދަތި ކަމަށާއި އެކަން ހާސިލުކުރުމަށް ހީކުރި ވަރަށް ވުރެ މާ ގިނަ ދުވަސް ނެގި ކަމަށެވެ. އުތުރު އަޔަލެންޑްގެ ކެޕިޓަލް އަދި އެންމެ ބޮޑު ސިޓީ ކަމަށްވާ ބެލްފާސްޓްގައި ބޭއްވި އޯޕަން ޔުނިވަސިޓީއިން 300އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވި ހަފުލާގައި މެރެއިޓް ވެފައިވަނީ އެ ގްރެޖުއޭޓުންގެ ތެރެއިން އެންމެ ދުވަސްވީ ދަރިވަރަށެވެ. ބީބީސީއަށް ދިން އިންޓަވިއުގައި މެރެއިޓް ކިޔައިދިން ގޮތުގައި 1960އިގެ އަހަރުތަކުގެ ތެރޭ ޑަބްލިންގެ ޔުނިވަސިޓީއަކަށް އޭނާ ތައުލީމު ހާސިލުކުރަން ދިޔައެވެ. މެރެއިޓް މެކްފާލޭންޑް އޭނާގެ ދަރިފުޅު ޝައުނާ ގައިލޭއާ އެކު--ފޮޓޯ/ބީބީސީ ނަމަވެސް، އެ ދުވަސްވަރު ހަޔާތުގައި ބައިވެރިޔާއާ ދިމާވެ ކިޔެވުން ހުއްޓާލުމަށް ފަހު ޒަވާޖީ ހަޔާތެއް ފެށީ ކަމަށް މެރެއިޓް ވަނީ ބުނެފައެވެ. އެހެންނަމަވެސް، އޭގެ އެތައް އަހަރެއް ފަހުން އޯޕަން ޔުނިވަސިޓީން ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް އަލުން ކިޔެވުން ފަށަން ބޭނުންވީ ދިމާވީ ކާރު އެކްސިޑެންޓަކާ ގުޅިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. ކާރު އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ފަހު އެއްކޮށް ރަނގަޅުވުމަށް ވަރަށް ވަގުތު ނެގި ކަމަށާއި ގިނަ ވަގުތު ހޭދަކުރަންޖެހުނީ ގޭގައި ކަމުން ބޭނުންވީ ކޮންމެ ވެސް ކަހަލަ ފައިދާހުރި ކަމެއް ލިބުނު އެ ހުސްވަގުތުތަކުގައި ކުރުމަށް ކަމަށް މެރެއިޓް ވަނީ ބުނެފައެވެ. މެރެއިޓް ތައުލީމު ހާސިލުކުރުމުގެ މަރުހަލާ އަލުން ފެށީ އޮންލައިންކޮށް ކްލާސްތަކުގައި ބައިވެރިވެގެން ކަމަށާއި އެކަމަށް އާ ވުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް ހަތަރު ކުދިންގެ މަންމަ ބުންޏެވެ. ނަމަވެސް، މެރެއިޓްގެ ކުދިންނާއި މާމާ ކުދިންނާއި މުނި މާމަ ކުދިންގެ އެހީގައި ކިޔެވުން ކުރިއަށް ގެންދިއުން ވަރަށް ފަސޭހަވި ކަމަށާއި އެކަމަށްޓަކައި އެ ކުދިންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު މެރެއިޓްއަށް އެހީތެރިވުމަށް ޚާއްސަ ޓިއުޝަން ޓީޗަރެއް ވެސް ހުރުމުން ކިޔެވުން ކުރިއަށް ގެންދިއުން ވަރަށް ބޮޑަށް ފަސޭހަވި ކަމަށް ވަނީ ބުނެފައެވެ. މެރެއިޓް ގްރެޖުއޭޓްވި ހަފުލާގައި އޭނާއާ އެކު ދޮށީ އަންހެން ދަރިފުޅު ޝައުނާ ގެއިލާ ވަނީ ބައިވެރިވެފައެވެ. ގެއިލީ ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، އުމުރުން 90 އަހަރުގެ މަންމައާ މެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ. މަންމަ އެ ހާސިލުކުރީ މީގެ އެތައް އަހަރުތަކެއް ކުރިން ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވި ކަމެއް ކަމަށާއި ޑަބްލިން ޔުނިވަސިޓީގައި ފެށީ ޑިގްރީގެ ދަތުރު ނިންމާނުލެވޭތީ އެކަން އަބަދު ވެސް ހިތުގައި އޮންނަ ކަމަށެވެ. ދިރިއުޅުމުގައި ކަމެއް ހާސިލުކުރަން ބޭނުންވެ އެކަން ފުރިހަމަނުވެ އޮތްނަމަ ކޮންމެ އުމުރެއްގައި ވެސް އެކަމެއް ހާސިލުކުރެވިދާނެކަން މެރެއިޓް ވަނީ ސާބިތުކޮށްދީފައެވެ. އުމުރުން 90 އަހަރުގައި މެރެއިޓްއަށް އެކަން ކުރެވުނުއިރު މުސްކުޅިވިޔަސް ކޮންމެ މީހަކަށް ވެސް ބޭނުންވާ ކަންކަން ހާސިލުކުރެވޭނެ ކަމަށް މެރެއިޓް ވަނީ ބުނެފައެވެ. އޭނާއަކީ އެފަދަ މީހުންނަށް ހުރި ލާމަސީލު ނަމޫނާއެއް ކަމަށް މެރެއިޓްގެ ދޮށީ ދަރިފުޅު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ