އަފްޣާނިސްތާނާއި ޕާކިސްތާނުން އަނެއްކާވެސް ހަމަލާތައް ބަދަލު ކުރަން ފަށައިފި
ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބި އަފްޣާނިސްތާނާއި ޕާކިސްތާނުން އަނެއްކާވެސް ހަމަލާތައް ބަދަލު ކުރަން ފަށައިފިއެވެ. ހުކުރު ދުވަހުގެ ރޭ ދެ ފަރާތުން ހަމަލާތައް ބަދަލުކުރަން ފެށީ، ފުރަތަމަ ހަމަލާތައް ފެށި ކަމަށް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރުމަށްފަހުއެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވި ގޮތުގައި ޕާކިސްތާނު ސިފައިން ކަންދަހާރު ޕްރޮވިންސްގެ ސްޕިން ބޮލްޑަކް ޑިސްޓްރިކްޓާ ދިމާލަށް ހަމަލާތައް ދީފައިވާތީ އަފްޣާނިސްތާނުގެ ސިފައިން އެކަމަށް ރައްދު ދިނީއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ތަރުޖަމާނު، މުޝައްރަފް ޒައިދީ ވިދާޅުވީ ޗަމަން ބޯޑަރުގައި ހަމަލާތައް ފުރަތަމަ ބަދަލު ކުރަން ފެށީ އަފްޣާން ސިފައިން ކަމަށެވެ. "ޕާކިސްތާނުން އޮތީ ފުރިހަމައަށް ސަމާލުވެ، ގައުމުގެ ސަރަހައްދީ އެއްބައިވަންތަކަމާއި އަޅުގަނޑުމެންގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތައްޔާރަށް،" ޒައިދީ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ބޯޑަރުގެ ފަރާތުން އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އަފްޣާނިސްތާން ގަޑިން ރޭގަނޑު 10:30 އެހާކަންހާއިރު، ފެށި ހަމަލާތައް ދެ ގަޑިއިރެއްހާއިރަށް ދެމިގެން ދިޔަ ކަމަށެވެ. ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމަކަށް މިހާތަނަށް ރިޕޯޓުކޮށްފައެއްނުވެއެވެ. ހަމަލާތައް ބަދަލުކޮށްފައިވާއިރު، މީގެ ތިން ދުވަސް ކުރިން ދެ ގައުމުން ވަނީ ސައުދީ އަރަބިއްޔާގައި ސުލްހައިގެ އާ މަޝްވަރާތަކެއް ބާއްވައި ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައެއް ނުވެއެވެ. ދެހާސް އެކާވީސް ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައި ފަހުން އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވާއިރު، އެކަމުގެ މައިގަނޑު ސަބަބަކީ ޕާކިސްތާން ތާލިބާން (ޓީޓީޕީ) ހިމެނޭ ގޮތަށް ހަތިޔާރު އެޅި ބައެއް ޖަމާއަތްތަކަށް އަފްޣާނިސްތާނުން ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރުމެވެ. ޓީޓީޕީން 2007 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ކެމްޕޭނެއް ހިންގާފައިވާއިރު، އަފްޣާނިސްތާނުން ބަލޫޗިސްތާން ލިބަރޭޝަން އާމީ އާއި އައިއެސްކޭޕީގެ ނަމުން މަޝްހޫރު އައިއެސްއާ ގުޅުން ހުރި ޖަމާއަތަކަށް ހިމާޔަތް ދޭ ކަމަށްވެސް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ތާލިބާނުން ވަނީ އެކަންތައްތަ ދޮގުކޮށްފައެވެ. އަދި ޕާކިސްތާނުގެ އެތެރޭގެ ސަލާމަތީ ކަންކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ބުނެ، ގަސްތުގައި ގޯސް މައުލޫމާތު ފެތުރުމާއި ބޯޑަރު ހަމަނުޖެހުންތައް އުފައްދާ ކަމަށް ޕާކިސްތާނަށް ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ