އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވީތީ، އަޅުގަނޑުމެންގެ މައްޗަށް އިލާހީ ގާނޫނު އެބައޮތް ކަމަށާއި، އެހެންވެ، ކަންކަމުގައި ހަމަތަކެއް އޮންނާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ 09 ވަނަ އެޕިސޯޑުގައި ޕްރެޒެންޓަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް އުސޫލުތަކެއް އޮންނާން ޖެހޭ ކަމަށެވެ.
”ކޮންމެ ކަމެއްގައިވެސް އޮވޭ ދޮގެއްތޯ އުސޫލުތަކެއް. އަޅުގަނޑުމެން މުސްލިމުންނަށްވީތީ އަދި އަމުދުން އަޅުގަނޑުމެންނަށް އެބައޮތް އިލާހީ ޤާނޫނު. އެހެންވީމާ، އަޅުގަނޑުމެންގެ އޮންނަންޖެހޭނެ ހަމަތަކެއް. އިސްލާމީ ހަމަތަކެއް. އިންސާނީ ހަމަތަކެއް.“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
އިސްލާމްދީނުގައި އަބުރު ރައްކާތެރި ކުރަން އަންގަވައިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
”އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން. އެހެންވީމާ، ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، އިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއްކަން އަޅުގަނޑެއްނޫން ކަނޑައެޅީކީ. މަތިން اللهُ سُبْحَانَهُ وَتَعَالَى އެކަން ކަނޑައެޅުއްވީ.“ ރައީސް ވިދާޅުވިއެވެ.
އެހެންވެ، އެ އަބުރު ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެވެސް ހައްގެއް އަދި ޒިންމާއެއް ކަމަށް ރައީީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ 100 ޕަސެންޓު އިސްލާމީ ގައުމަކަށްވާއިރު، އަބުރު ރައްކާތެރި ކުރެވުމަކީ ސުވާލެއް އޮތް ކަމެއް ނޫންކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މުސްލިމުންނަށް ވީތީ، އިލާހީ ގާނޫނު އެބައޮތް، ކަންކަމުގައި ހަމަތަކެއް އޮންނަން ޖެހޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ