24 ގަޑިއިރު ކަރަންޓު ޔަޤީންވުމުގެ އުފަލުގައި މިރޭ ހަވާއަރުވަނީ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތް ކާމިޔާބު ނިމުމަކާއި ހަމައަށް އައިސްފައިވާތީ، އެކަމުގެ އުފަލުގައި މިރޭ ވެރިރަށް މާލޭގައި ހަވާއެރުވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތުގެ ތެރެއިން މިރޭ ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ. މިރޭ 8:30 ގަިއ ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ ކުލަވަރުތައް ބަލާލުމަށް ވީހާވެސް ގިނަ ބަޔަކަށް ދަޢުވަތުދޭކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދުފުޅެކެވެ.
ކަރަންޓުގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދާދިފަހުން ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ކަރަންޓުގެ ފެންވަރު ރަނގަޅު ކުރެވިފައިވާކަމަށާއި ނަމަވެސް ބައެއް ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށެވެ. އެ މައްސަލަ ޙައްލު ކުރުމަށް ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް އަވަހަށް ޖަނަރޭޓަރުތަކެއް ފޮނުވުމަށް ނިންމާފައިވާކަމަށާއި، އެއީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަސައްކަތެއްކަމުގައި ރައީސް ވިދާޅުވިއެވެ.
24 ގަޑިއިރު ކަރަންޓު ޔަޤީންވުމުގެ އުފަލުގައި މިރޭ ޖުމްހޫރީ މައިދާނުގައި ހަވާ އަރުވާއިރު ނިމިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހު މާލޭގައި ވަނީ، މި ސަރަޙައްދުގައި މިހާތަނަށް ބޭއްވި ހަވާގެ އެންމެ ކުލަގަދަ ހަރަކާތްތައް ބާއްވާފައެވެ. އެ ހަރަކާތް ބާއްވާފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ ހުޅުލެ އާއި މާލެއާއި ދެމެދު ޤާއިމްކުރާ ބްރިޖް ހަޤީޤަތަކަށް ވެގެންދިއުމުގެ އުފަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ