ވިލިމާލެ 2 އަކަށް ކަރަންޓް ދޭން 200 މެގަ ވޯޓްގެ ޕަވާ ސްޓޭޝަނެއް ގާއިމުކުރަނީ

ވިލިމާލެ-2 މަޝްރޫއަށް ތައްޔާރުވުމުގެ ގޮތުން 200 މެގަ ވޯޓްގެ ޕަވާ ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ފަސްޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރު އަޙްމަދު ސައިފް ވިދާޅުވި ގޮތުގައި އެ ޕަވާ ސްޓޭޝަން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ތިލަފުށީގައެވެ. އެ ޕަވާ ސްޓޭޝަންގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި ހަކަތަ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ވިލިމާލެ 2 މަޝްރޫއު އިއުލާނުކޮށްފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ހިނގަމުން ދާއިރު އަދި ހުޅުމާލެ މާލެ ބްރިޖްގެ މަސައްކަތް ނިމެމުންދާއިރު ދެން ސަރުކާރުގެ އަމާޒަކީ ވިލިމާލެ ދެ ވަނަ ފިޔަވަހި ތަރައްޤީ ކުރުން ކަމަށެވެ. އެ ފިޔަވަހީގައި މާލެ އާއި ވިލިމާލާއި ތިލަފުށި އަދި ގުޅީފަޅުވެސް ގުޅާލެވިގެން ދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތުން މާލެ އާއި ވިލިމާލެ އަދި ވިލިމާލެއާއި ގުޅިފަޅުވެސް ބްރިޖަކުން ގުޅާލެވިގެން ދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ވިލިމާލެ ދެ ވަނަ ފިޔަވަހީގައި އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެން ދާނެ ކަމަށާއި އެއާއިއެކު ދެން ބޯހިހާވަހިކަމެއްނެތް ރައްޔިތަކުން ދެން ރާއްޖޭގައި ނުހުންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ