ނެކްސްބިޒް އަށް ބަދަލުގެ ގޮތުގައި 275 މިލިއަން ރުފިޔާ ދައްކައިފި

ނެކްސްބިޒް ކުންފުންޏައެކު ސަރުކާރުންވި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުން ކަމަސް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައެޅި 17.9 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 275.9 މިލިއަން ރުފިޔާ) އެކުންފުންޏަށް ސަރުކާރުން ދައްކައިފިއެވެ.
މިއަދު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ނެރުއްއވި ބަޔާނެއްގައި ބުނެފައި ވަނީ 2016 ވަނަ އަހަރު ސިންގަޕޫރުގެ ކޯޓުން ނިންމި ފައިނަލް އެވޯޑަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް އަމަލުކޮށްފައި ނުވާތީ ނެކްސްބިޒް ކުންފުނިން އެ މައްސަލަ ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ ސިންގަޕޫރުޔ ކޯޓުގެ ހުކުމަކީ ގާނޫނީ ގޮތުން ތަންފީޒު ކުރަންޖެހޭނެ ހުކުމަކަށް ވާތީ އިއްޔެ ދައުލަތުން އެފައިސާ ނެކްސބިޒް ކުންފުންނަށް ދައްކާފައިވާ ކަމަށެވެ. ސިންގަޕޫރުގެ އާބިޓްރޭޝަނުން ހުކުމްކޮށްފައި ވަނީ 17،085،654 ޑޮލަރާއި، 1،093،370.82 ސިންގަޕޫރު ޑޮލަރު ނެކްސްބިޒް ކުންފުންޏަށް ދައްކުމަށެވެ.
މި މައްސަލާގައި ނެކްސްބިޒްއިން އެދުނީ 272 މިލިއަން ޑޮލަރު ހޯދުމަށެވެ. އެހެން ނަމަވެސް ސިންގަޕޫރު ކޯޓުން ހުކުމް ކުރީ ޖުމްލަ 17.9 މިލިއަނއްހާ ޑޮލަރު އެކުންފުންޏަށް ދެއްކުމަށެވެ. ނެކްސްބިޒް އެގްރީމެންޓުވެސް ބާތުިލްކޮށްފައި ވަނީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދުވަސްވަރުއެވެ.
އޭޖީއިން ބުނީ މި ހުކުމް ތަންފީޒު ކުރީ "ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހަދައި، އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް މުހިއްމު ކަމެއް ކަމަސް ފެންނާތީ" ކަމަށެވެ.
ނެކްސްބިޒް މައްސަލާގެ އިތުރަށް ޖީއެމްއާރު އެއްބަސްވުން ބާތިލްކޮށްގެންވެސް ދިވެހި ދައުލަތުން ވަނީ ޖީއެމްއާރަސް ބޮޑު އެއްޗެއް ދައްކަން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ