އެމްފައިސާ މެދުވެރިކޮށް ޓްރީ ޓޮޕަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި

އުރީދޫއިން ދޭ އީ-ވޮލެޓް ހިދުމަތް، "އެމްފައިސާ" ބޭނުންކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމުކޮށްފިއެވެ. އެ ނިޒާމުގެ އެހީގައި އުރީދޫ އެމްފައިސާ މެދުވެރިކޮށް ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރެއިން އެޕޮއިންޓްމަންޓް ހެއްދެވުން، އޯޕީޑީގެ ޚިދުމަތްތައް، އަދި ބޭސްފަރުވާއަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އިއްޔެ އުރީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެފައި ވަނީ ޓްރީ ޓޮޕާއެކު ގާއިމް ކުރި، އެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯދުން ޑިޖިޓަލްކޮށް، އާންމުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އުރީދޫގެ އީ-ވޮލެޓް ހިދުމަތަކީ ސްމާޓްފޯން ބޭނުންކޮށްގެން ފައިސާ ދެއްކުމަށް އެ ކުންފުނިން ތައާރަފުކޮށްފައިވާ ހިދުމަތެކެވެ. އެކުންފުނިން އެމްފައިސާގެ ހިދުމަތް ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ