ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
އެ ހުކުމް އިއްޔެ ހައިކޯޓުން ބާތިލްކޮށްފައިމިވަނީ އިދިކޮޅު ފަރާތްތަކުން, 2015ވަނަ އަހަރުގެ މޭއި މަހު ބޭއްވި މޭޑޭގެ އެއްވުމުގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އިމްރާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުންވެސް ތާއީދުކޮށްފައި ވަނިކޮށް, ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން ހައި ކޯޓުގެ ހުކުމް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓުންވެސް މިދިޔަ އަހަރު ނިންމާފައިވަނިކޮށެވެ.
އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބާ އެކު، ހުކުމް ރިވިއުކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަނެ، އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް، މިނިވަން ކުރި އެވެ. މިގޮތަށް މިމައްސަލަ އޮތްވާ އޭނާއަށް ވަނީ ހޯމް މިނިސްޓަރުކަން ދެއްވައިފަ އެވެ. އެހެންވެ އޭނާގެ މިނިސްޓަރު ކަމުގެ ޝަރުތާމެދު ބައެއް ގިނަބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމްގެ ސަބަބުން އެ ހުރިހާ ސުވާލުތަކުގެ ޖަވާބު މިވަނީ ލިބިގެން ގޮސްފައެވެ.
މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން މައްސަލަ ނިންމީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށެވެ. އެހެންވެ، ދެ ކޯޓުން ވެސް ކުރި ހުކުމް ބާތިލް ކުރާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
އިސްތިއުނާފް އަޑުއެހުމުގައި އިމްރާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އިމްރާންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލް ކުރުމަށް 12 ނުކުތާއެއް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން، މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކައިގައި އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޓެރަރިޒަމްގެ ދައުވާ އަށް އިމްރާން އިންކާރުކޮށްފައި ވާއިރު، މުޒާހަރާގެ ބައިވެރިންނަށް އިމްރާން ބާރު އެޅުއްވީ އަނިޔާވެރިނުވުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އަދާލަތު ޕާޓީ އިސްވެ އޮވެ، ސުލްހަވެރި އެއްވުން ބާއްވަން އުޅޭކަމުގެ ނޯޓިސް ފުލުހުންނަށް ދީފައިވާ ކަމަށް ނޫރު ވިދާޅުވި އެވެ.
ފުލުހުންނާ އެކު، އިމްރާން ބޭއްވި ބައްދަލުވުމުގައި، ގާނޫނީ އިމުގެ ތެރެއިން އެއްވުން ކުރިއަށް ގެންދާ ކަމާއި ބަޔަކު މީހުން އެއްވުމުގެ ތެރެއަށް ވަދެ ގާނޫނާ ހިލާފު ކަންކަން ކުރުމަށް ރާވަމުންދާ ކަމަށް ވިދާޅުވެ، އެކަންކަން ހުއްޓުވައި ދިނުމަށް އިމްރާން، ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ނޫރު ވިދާޅުވި އެވެ.
ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ އިމްރާންގެ ވާހަކަތަކުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމަށް ހިތްވަރު ދީފައިވާކަން އެނގެން އޮންނަ ކަމަށެވެ. އިމްރާން ގޮވާލެއްވީ އަނިޔާވެރިވުމަށް ކަމަށާއި އޭނާގެ ވާހަކަތަކުން އެއްވުމުގެ ބައިވެރިން ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދުތަކަށް ވަދެ ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލައި ހެދިކަން ވެސް ވަކީލުން ފާހަގަ ކުރެއްވި އެވެ.
ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިއްވެވި ހުކުމްގައި ވަނީ އެއްވުމުގެ ކުރިން ފުލުހުންނާއެކު ދެއްކި ވާހަކަތަކާއި އެއްވުމުގެ ތެރޭގައި އިމްރާން ދެއްކި ވާހަކަތަކުން އަނިޔާވެރިނުވުމުގެ މައްޗަށް ބާރު އެޅުއްވިކަން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، އެކަމުގައި އިތުރު ޝަރަހައެއް ނުވަތަ މާނައެއް ބޭނުން ނުވާ ކަމަށާއި އިމްރާންގެ ލަފްޒުތަކުން އަނިޔާވެރިވުމަށް ދަލީލުކޮށްދޭ އިބާރާތްތަކެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި ބުނި ގޮތުގައި އިމްރާންގެ މައްޗަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާ ނުކޮށެވެ. އަދި ކުށެއް ސާބިތު ކުރާ ނަމަ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.
ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ބެއްލެވި މައްސަލައިގެ ހުކުމްގައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކަނޑައެޅޭނީ ކުށެއް ކުރިކަން ޔަގީންވެގެންނެވެ. އަދި މީހަކު ކުށް ކުރިކަން ޔަގީންކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ކަމަށް ހުކުމްގައިވެ އެވެ.
ޝައްކުތައް ފިލައިގެންދާ ގޮތަށް ހަރުދަނާ ދަލީލުތަކެއް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅުއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ފާހަގަކުރި އެވެ.
ހުކުމްގައި ފާހަގަ ކުރި ކަންކަމުގެ ތެރޭގައި އެއްވުމުގައި މީހަކު ގާނޫނާ ހިލާފަށް ކަމެއްކޮށްފިނަމަ، އެކަމުގެ ޒިންމާ އެމީހަކު ނަގަން ޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ އެހެން މީހަކު ނަގަން ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އެހެން މީހަކު ޒިންމާވާން ޖެހޭ ގާނޫނެއް ނެތްކަން ހުކުމްގައި ފާހަގަ ކުރި އެވެ.
ވަކިވަކި ފަރުދުން ކުރާ ކުށެއްގެ ޒިންމާ އެއްވުމެއް ރާވައި ހިންގާ ފަރާތުން ނަގަން ނުޖެހޭނެ ކަަމަށާއި އެގޮތަށް ޒިންމާ ނަގަން ޖެހޭނީ އެފަރުދުންނާއި އިންތިޒާމްކުރި ފަރާތާއި ގުޅިގެން ކަމެއް ހިންގިކަން ސާބިތުކޮށްދީގެން ކަަމަށެވެ. ނަމަވެސް އެކަން ދައުލަތުން ސާބިތުކޮށްދީފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ، އިމްރާނާ ދެކޮޅަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމަކީ މައްސަލަ ސާބިތު ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަމަށް ރިއާޔަތްނުކޮށް ކުރި ހުކުމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ. ދެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ނިންމި ނިންމުމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުން ރޭއްވެވުމުގައި އެންމެ އިސްކޮށް އުޅުއްވި އިމްރާނަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގަ އެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ތާއީދު ކުރީ 2016 ގަ އެވެ.
ސުޕްރީމް ކޯޓުން އިމްރާނަށް ކުރި ޖަލު ހުކުމް ބާތިލް ކުރުމާ ގުޅިގެން އޭނާ އަކީ މިހާރު މިނިވަނެކެވެ. އަދި ވަޒީރުކަން އިމްރާން ކުރެއްވުމުގައި މިހާރު އެއްވެސް ހުރަހެއް ނެތެވެ.
އިމްރާންގެ 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ