މަޓާޓޯގެ އާ ރައީސަކަށް އަބްދުﷲ ސުއޫދު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އާ ރައީސަކަށް އަބްދުﷲ ސުއޫދު އައްޔަން ކޮށްފިއެވެ.
ވޭތުވެދިޔަ ދެ ދައުރުގައި އެ އެސޯސިއޭޝަންގެ ނައިބް ރައީސްކަމުގެ މަގާމް ފުރުއްވާފައިވަނީ ވެސް ސުއޫދެވެ.
ހޮޓެލް ޖެންގައި އިއްޔެ ބޭއްވި މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި، އެ އެސޯސިއޭޝަންގެ އިތުރު މަގާމް ތަކަށްވެސް ބޭފުޅުން އައްޔަން ކޮށްފައި ވެއެވެ.
އެގޮތުން ނިމިދިޔަ ދެދައުރުގައި މަޓާޓޯގެ ރައީސްކަމުގެ މަގާމް އަދާކުރެއްވި އަބްދުﷲ ގިޔާސް ވަނީ ނައިބް ރައީސްކަމުގެ މަގާމަށް އައްޔަން ކޮށްފައެވެ. މީގެ އިތުރުން މަޓާޓޯގެ އެގްޒެކެޓިވް ބޯޑަށްވެސް ވަނީ މެމްބަރުން އައްޔަން ކޮށްފައެވެ. އޭގެ ތެރޭގައި މުހައްމަދު ފިރާގާއި، އައިމިނަތު ނީނާ ނިޒާރާއި، މުހައްމަދު ހަލީލު އަދި އިގްނާޒް މަންސޫރާއި، ހާތިމް ހަސަންގެ އިތުރުން ހަޒާންދާރުގެ މަގާމަށް އަހްމަދު ފިޔާޒް އައްޔަން ކުރުމަށްވަނީ ފާސް ކޮށްފައި ވެއެވެ.
މަޓާޓޯގެ އާ ރައީސް ވިދާޅުވީ ހުރިހާ މެމްބަރުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު އެ ޖަމިއްޔާ މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ޖަލްސާގައި، ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން މަޓާޓޯއަށް އެހީތެރިވެދިން ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައި ވެއެވެ.
ރައީސް، ނައިބް ރައީސް އަދި ހަޒާންދާރާއެކު ޖުމްލަ 9 މެމްބަރުން އެގްޒެކެޓިވް ބޯޑުގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ