ސުޕްރީމް ކޯޓާއި ހައިކޯޓު އެއް މަސް ދުވަހުގެ ރިސެސްއަކަށް

ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓް އެއް މަސް ދުވަހުގެ ރިސެސްއަކަށް ހިނގައްޖެއެވެ.ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގައި ވާގޮތުގެ މަތީން، ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓް އޮންނާނީ ރިސެސްގައެވެ. އަދި ހަމަ އެ ޤަވައިދުގެ ދަށުން މިއަދު ސުޕްރީމް ކޯޓު ވެސް ވަނީ ރިސެސްއަށް ގޮސްފައެވެ. ސުޕްރީމް ކޯޓުގެ ރިސެސް ވެސް ނިމޭނީ ޖެނުއަރީ ދޭއްގައެވެ.އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓާއި ހައި ކޯޓް ރިސެސްއަށް ދިޔައިރު، ސިވިލް ކޯޓުވެސް އިއްޔެ ވަނީ ރިސެސްއަށް ގޮސްފައެވެ. އެ ކޯޓުގެ ރިސެސް ނިމުމަކަށް އަންނާނީ މި މަހުގެ 20 ދުވަހުއެވެ.ކޯޓްތައް ރިސެސްގައި އޮތް ނަމަވެސް، ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހިފައިވާ ޙާލަތެއްގައި، ކޯޓުން ބޭނުން ނަމަ އަޑުއެހުންތައް ކުރިއަށް ގެންދެވޭނެއެވެ.ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ޅ)ގައި ބުނާ ގޮތުން، ރިސެސްގެ މުއްދަތުގައި ކޯޓް ތަކުން ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީ ނަމަވެސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް އެ މުއްދަތުގައި މެދުކެނޑިގެން ނުދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ