ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

ރާއްޖޭގައި ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. ހެދިކާ އާއި މަސްމިރުހާއި ހަވާދުގެ އިތުރުން ކްރާފްޓް މަސައްކަތްތަކާއި ހެދުން ފެހުމާއި ޕާޓީތަކަށް ބޭނުންވާ ކޭކް އެޅުމާއި ވެޑިންގ ސާމާނު ހާދައިދޭ މީހުން ވަނީ އިތުރުވެފައެވެ. އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި އުފެއްދުންތެރިކަމާ ހުނަރުވެރިކަން އަންނަނީ ދައްކަމުންނެވެ.
ރާއްޖޭގެ އިގްތިސާދުގައި ވެސް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ހިއްސާ ބޮޑެވެ. ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް ފަހު ލިބޭ އެހެން ވަގުތުތަކުގައި އަމިއްލަ މަސައްކަތެއް ކޮށް އޭގެން ލިބޭ އާމްދަނީއިން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރާ އިރު ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ.
ކްރާފްޓް މަސައްކަތް ކުރާ ފަރާތެއް ކަމުގައިވާ އައިޝަތު ޝަފާ ނަސީރު ބުނީ މަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓެއް ނެތުން ކަމަށެވެ.
"އަޅުގަނޑު ހެދިން ޝެލް އިއަރިންގް އާއި ސްވެނިއާސް ވެސް. ތަކެތި ހެދުމަށް ބޭނުންވާ މެޓީރިއަލް ހޯދަނީ އާންމުކޮށް ބޭރު ގައުމުތަކުން. އެގޮތަށް ތަކެތި ހެދުމަށް ފަހު އަޅުގަނޑުމެން ކިޔާ އަގުގައި ގަންނާނެ ބަޔަކު ނުވޭ. ޓޫރިސްޓް އެއްޗެހި ވިއްކާ ފިހާރަތަކުން ވެސް ބޭރު ގައުމުތަކުން އަގުހެޔޮކޮށް އެއްޗެހި ވިއްކަނީ.އޮތެންޓިކް ރާއްޖޭގެ އުފެއްދުންތަކަށް މިހާރު މިއޮތް ގޮތުން ޖާގައެއް ނެތް." އޭނާ ކިޔާދިނެވެ.
މިފަދަ ހުނަރުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަ ޖާގައެއް ނެތެވެ. އަގު ބޮޑު، ކުއަލިޓީ ރަނގަޅު ތަކެތި ބޭނުން ކޮށްގެން ކިތަންމެ ރީތި އެއްޗެއް ހެދި ނަމަވެސް އެއެއްޗަކަށް ލިބެން ޖެހޭ ހަމަ އަގު ގިނަ ފަހަރު ނުލިބެއެވެ. ރާއްޖޭގެ ސްވެނިއަރ ފިހާރަތަކުގައި  ދިވެހި ނަން ބޭނުން ކޮށްގެން ގިނައިން ވިއްކަމުންދަނީ ރާއްޖޭގެ އުފެއްދުންތަކެއް ނޫނެވެ. މިކަމުގެ ސަބަބުން މިފަދަ ތަކެތި އުފައްދާ ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގައި އޮންނަނީ ވަރަށް ހަނި ފުރުސަތެކެވެ. އާންމުގޮތެއްގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ފުރުސަތެއް ލިބިގެންދަނީ ބާއްވާ ފެޔަރއެއްގެ ތެރެއިންނެވެ. އެގޮތަށް ބާއްވާ ފެޔަރތަކުގައި ވެސް ވިއްކަން ޖެހެނީ ކުޑަ އަގެއްގައެވެ.
 
ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތަށްވާއިރު ދިވެހި އުފެއްދުންތެރިންނަށް އެ ސިނާއަތަށް ވަނުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ގާނޫނެއްގެ ތެރެއިން ވަކި އުސޫލުތަކެއް އެކުލަވާލެވި ދިވެހި އުފެއްދުންތައް ތައްޔާރު ކުރާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަދެވޭނެ ގޮތްތައް މަގުފަހިކޮށްދެން ޖެހެއެވެ.
ޕާޓީތައް ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެތި އުފައްދާ ޔޫހާ ރަޝީދު ބުނީ، އަލަށް މާކެޓަށް ވަންނަ މީހުން ކިޔާ އަގުގައި ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން މަދު ކަމަށެވެ. އެހެން ކަމުން މަސައްކަތަށް ފުރިހަމަ އަގު ހޯދަން ވަރަށް އުނދަގޫ ކަމަށެވެ.
 
" ފޭސްބުކް ޕޭޖަކުން މި ކަސްޓަމަރުން ހޯދަނީ. އެކަމަކު މަސައްކަތުގައި ގިނަ ދުވަހު އުޅޭ މީހުން ކިޔާ އަގުތައް އަލަށް މަސައްކަތް ކުރާ މީހުންނަށް ނުލިބޭ. ވަރަށް އުނދަގޫ އެ އަގުތަކުގައި އޯޑަރ ހޯދަން. އެ މަސައްކަތްތަކީ ކިތަންމެ ބުރަ މަސައްކަތްތަކެއްކޮށް ކިތަންމެ ފައިން މަސައްކަތެއް ވިޔަސް ގަންނަން ބޭނުންވާ މީހުން ވަރަށް މަދު. އާންމުގޮތެއްގައި މަހަކު ތިން އޯޑަރުވަރު ލިބޭ. ގާތްގަނޑަކަށް 5000ރ. މަހަކު ލިބޭނެ ހަމައެކަނި ވެޑިން ޑެކަރޭޝަނަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދީގެން." އަލަށް މަސައްކަތަށް ވަދެގެން އުޅޭ ޔޫހާ ރަޝީދު ކިޔައިދިނެވެ.
މަސައްކަތަށް  އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަކި ފްލެޓްފޯމެއް ބޭނުންވެއެވެ. ހުރިހާ ކްރާފްޓް މީހުންގެ މަސައްކަތްތައް ބަލައިލާ، އެމީހުންނާ ގުޅޭނެ ގޮތްތަކެއް އެއް ފްލެޓްފޯމެއްގެ ތެރެއިން ހޯދާދެވިއްޖެނަމަ އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް މާކެޓަށް ނިކުތުމަށް ފަސޭހަވެގެންދާނެއެވެ.
މީގެ އިތުރުން އޯޑަރުދޭ ފަރާތްތަކަކީވެސް މިކުރާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަން ކުރާ ބަޔަކަށް އެބަ ވާންޖެހެއެވެ.
ވެޑިންގތަކަށް ބޭނުންވާ ބޮކޭ އާއި އެނޫން ތަކެތި ތައްޔާރުކޮށްދޭ އަޒްމާ ހަސަން ބުނީ، ތަކެތި ތައްޔާރުކުރުމަށް އެންމެ ބޮޑު އުނދަގުލެއް ދިމާވެގެން ދަނީ ތަނުގެ ދަތިކަން ކަމަށެވެ.
"މަސައްކަތް ކުރަން ޖެހެނީ ގޭގައި. އެހެންވެ ވަރަށް ބޮޑަށް އުނދަގޫވޭ. އާންމު ގޮތެއްގައި ސީޒަންގައި 50000ރ. ލިބޭ. މިހާރު މަސައްކަތް ކުރާތާ ހ އަހަރު ވެގެންދިޔަ އިރުވެސް މަސައްކަތް އިތުރަށް ފުޅާ ކުރެވޭނެ މަގެއް ނެތް" އަޒްމާ ހަސަން ބުންޏެވެ.
ވެޑިންގ ޕާޓީތަކަށް ބޭނުންވާ ބޮކޭ ފަދަ ތަކެތި ތައްޔާރު ކުރުމަށް ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތް ނަމަވެސް އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ފުޅާ ކުރުމަށް އޮންނަނީ ވަރަށް ކުޑަ ފުރުސަތެކެވެ.
ޓޭކްއަވޭ ކާބޯތަކެތި ތައްޔާރު ކުރާ އައިމިނަތު ރިޝްފާ އަހުމަދު ބުނީ ފައިނޭންސް ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ލޯން ހޯދަން ވަރަށް އުނދަގޫ. މިފަދަ މަސައްކަތެއް ކުރި ނަމަވެސް މަސައްކަތް ފުޅާކޮށް އެހެން ލެވެލް އަކަށް ގެންދަން ވަރަށް އުނދަގޫ. ކުދި ވިޔަފާރިތަކަށް ކުރިއަށް ދިއުމަށް އޮންނަނީ ވަރަށް ހަނި ފުރުސަތެއް" އޭނާ ކިޔާދިނެވެ.
މަސައްކަތް ރަގަޅު ފެންވަރަކަށް ގެންދިއުމަށް ގޭގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ތަމްރީނުވެސް ބޭނުންވެއެވެ. އެހެން ނަމަވެސް އެފަދަ ޓްރެއިނިންގ ތަކެއް ބާއްވާ މަދު ފަހަރުވެސް ބޮޑު ހަރަދު އެކަމަށް ހޭދަކުރަން ޖެހުމުން އިތުރު ދަތިތަކާ ކުރިމަތިވެގެންދެއެވެ.
ހެދުން ފެހުމާ، ފަރުމާކުރުމުގެ ދާއިރާގައި 9 އަހަރު މަސައްކަތް ކޮށްފައިވާ އައިމިނަތު ފަޒްނާ (ފެޒޫ) ބުނީ އާ އެއްޗެއް އުފެއްދިކަމުގައިވީ ނަމަވެސް ނަކަލުކޮށްގެން އެ ތަކެތި ތައްޔާރުކުރާ މީހުން ގިނަ ކަމަށެވެ.
" އަލަށް،ތަފާތު އުފެއްދުމެއް ތައްޔާރު ކުރިއަސް މީހުން އޭތި ވަރަށް ފަސޭހައިން ކޮޕީ ކޮއްލާ.އެއީ ވަރަށް އުނދަގޫވާ ކަމެއް." އޭނާ ބުންޏެވެ.
ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް، މާކެޓަށް ނެރެވޭނެ ގޮތްތަކެއް ފަހިކޮށްދެންޖެހެއެވެ. މަސައްކަތަށް ހަމަ އަގު ލިބޭނެ ގޮތްތައްވެސް ފަހިކޮށްދެންޖެހެއެވެ. މިއީ މިއަދު އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމެވެ. މިކަންކަން ހައްލު ވެގެން ނޫނީ މަސައްކަތް ކުރާ ފަރާތްތަކަށް މަސައްކަތް ފުޅަލެއް ނުކުރެވޭނެއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގޭގައި ތިބެގެން އާމްދަނީ ހޯދާ ފަރާތްތަކުން މުޖުތަމައުގައި މުހިއްމު ރޯލެއް އަދާކުރަންޖެހޭ ކަމަށެވެ. އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަލު ގޮތްތަކެއް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މިފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަޅު ގޮތްތަކެއް ފަހިކޮށްދެވޭނީ އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އެންމެ ފުރަތަމަ ނައްތާލައިގެންނެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ