ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް މައުމޫން ގޮވާލައްވައިފި

އެކި ކުށްތަށް ސާބިތުވެ ޖަލުގައި ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބުދުﷲގެ ފޮޓޯފުޅުތަކަކާއެކު ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސިޔާސީ ހުރިހާ ހައްޔަރީން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.
ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ރައީސް މައުމޫނު ގޮވާލެއްވިއިރު ރައީސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިއްޔެ ހައިކޯޓުންވަނީ ބާތިލްކޮށްފައެވެ.
މަޢުމޫންގެ މައްޗަށް އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރިއިރު، މަޢުމޫން ކަފާލާތު ދަށުން މިނިވަންކޮށްފައިވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހައިކޯޓުންނެވެ. މި ހުކުމުގައިވާ މަޢުމޫނާ ގުޅުންހުރި ބައިތައް ބާތިލުކުރި ނަމަވެސް، ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އަދި ކުރީގެ ފަނޑިރާރު ޢަލީ ހަމީދުއާ ގުޅުންހުރި ބައިތައް މި ހުކުމުން ބާތިލުކޮށްފައި ނުވާކަން ފާހަގަކޮށްލެއެވެ.
ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް މައުމޫން ގޮވާލައްވާފައި ވާއިރު، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ނުހައްގުން ޖަލަށް ލެވިފައިވާ ސިޔާސީ ފަރާތްތަައް މިނިވަން ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
ހުކުމުން މައުމޫން މިނިވަންވެވަޑައިގެންނެވި އިރު، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ބާކީ ތިބި އިދިކޮޅު ތިން ލީޑަރުންނެވެ. މި ބޭފުޅުންގެ ތެރެއިން ގާސިމް ކަފާލާތުގެ ދަށުން މިނިވަން ވެފައިވާއިރު، އިމްރާން ހުންނެވީ ގޭ ބަންދަށް ބަދަލުކުރައްވާފައެވެ. އަދި ރައީސް ނަޝީދު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިނަމަވެސް އަންނަ މަހުގެ އެއްވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ