ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ވެރިއަކީ އަޅުގަނޑު - އުމަރު

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ވެރިއަކީ އޭނާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިގޮތަށް ވިދާޅުވީ، ރާއްޖެގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމުގެ ޔަގީންކަން ދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓް ޝެއާ ކުރައްވާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް މި ސަރުކާރުން ނިންމެވި ނިންމެވުމާއި މެދު ހިތާމަ ކުރާ ކަމަށެވެ. އަދި ގިސާސް ހިފުމަކީ މީހުން މެރުމާއި، ވަޅިހެރުން ހުއްޓުވުމަށް އޮތް ހައްލުކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަމާންކަން ގާއިމްކުރެވޭނީ ގަސްތުގައި މިހާރު މަރާ މީހުންނަށް މަރުގެ އަދަބު ދީގެން. މި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ވެރިއަކީ އަޅުގަނޑު" އުމަރު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުންވަނީ މަރުގެ ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގަޮތުން، ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން އެކަން ކުރުމަށް ބޭނުންވާ ސެޓަޕްވެސް ރާވާފައިވެއެވެ.
ސުޕްރީމް ކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ ތިން މީހަކު ރާއްޖޭގައި މިހާރު ވެސް އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ