ޤުރްއާން މުބާރާތްތަކުން ވަނަ ހޯދާ ފަރާތްތަކާއި ހާފިޒުންނަށް ފުރުޞަތު ދިނުމަށް އެދެފި

ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން، މަތީ ވަނަ ހޯދާ ފަރާތްތަކަށާއި އަދި ޤުރްއާން ހިތުދަސްކުރާ ކުދިންނާއި މީހުންނަށް ސަރުކާރުންނާއި އެނޫން ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތު ތަކުގައި، ޤުރްއާން ކިޔެވުމުގެ ފުރްޞަތު ހޯއްދަވައި ދެއްވުމަށާއި، ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީ.ވީ ސްޓޭޝަންތަކުންވެސް އެ ފުރުޞަތު އެކުދިންނަށް ދެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު ވަޙީދު އެދެފިއެވެ.ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، “ރާއްޖޭގައި ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންނާއި މީހުންނާއި އަދި ޤުރްއާން ހިތުދަސްކުރާ ކުދިންނާއި މީހުންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު، ޤައުމީ ފެންވަރުގައި ބޭއްވޭ ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ޤުރްއާން ކިޔެވުމުގެ އަޑު، އަޅުގަނޑުމެންނަށް އިވޭލެއް ވަރަށްމަދު” ކަމަށެވެ.ރައީސް ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނާއި އަދި އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، މީޑިއާއިންނާއި، އަމިއްލަ ފަރާތްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން އެފަދަ ފަރާތްތަކަށް ފުރުސަތު ދޭންޖެހޭކަމަށެވެ.“ސަރުކާރުންނާއި އަދި އެނޫން އެހެން ފަރާތްތަކުން ބާއްވާ އެކިއެކި ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި ޤުރްއާން ކިޔެވުމުގެ ފުރްޞަތު، އެފަދަ ކުދިންނަށާއި މީހުންނަށް ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހުމުގެ މުހިންމުކަން އަޅުގަނޑަށް އިޙްސާސް ކުރެވޭ. ހަމައެހެންމެ، ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީ.ވީ ސްޓޭޝަންތަކުންވެސް އެ ކުދިންނަށާއި މީހުންނަށް އެ ފުރުސަތު ލިބޭނެ ގޮތް ހަމަޖެހުމުގެ ބޭނުންތެރިކަން އަޅުގަނޑަށް ވަޒަން ކުރެވޭ” ރައީސް ވިދާޅުވިއެވެ.މިކަމާ ގުޅޭ ގޮތުން ރައީސް އިތުރަށް ވިދާޅުވީ، “ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، މިދެންނެވި ކުދިންނަށާއި މީހުންނަށް އެކިއެކި ޕްރޮގްރާމްތަކުން ފުރްޞަތު ލިބޭނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް، މީޑިއާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވާ” ކަމަށެވެ. އަދި “ސަރުކާރުގެ އެކި ފަރާތްތަކުންނާއި އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި އަދި އެނޫން އެހެން ފަރާތްތަކުން ބާއްވާ އެކި ޖަލްސާތަކާއި ރަސްމިއްޔާތުތަކާއި ޙަފްލާތަކުގައި އެކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކޮށްދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް” ކަމަށެވެ.ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ މި މުބާރާތް ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައްވާފައިވާކަމީވެސް ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަކީ، މުޖުތަމަޢުގެ ޚާއްޞަ ފުރުޞަތުތައް ދޭންޖެހޭ ކުދިން ކަމަށާއި އަދި އެފަދަ ކުދިންނަށް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެމުން އެބަގެންދާކަމަށާއި މިފަދަ މުބާރާތެއްގައި އެކުދިން ބައިވެރިވެ، ވަނަ ޙާޞިލުކުރިކަން އެއީ، އެކުދިންނަށްވެސް އެކި ރޮނގުތަކުން ކުރިއަށް ދިޔުމުގެ ފުރްޞަތު އޮތްކަން ހާމަވެގެންދާ ކަމުގެ ކުލަގަދަ ދަލީލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އެކި ޢުމުރުފުރާތަކުން ވަނަ ޙާޞިލުކުރި ހުރިހާ ދަރިވަރުންނަށާއި، އަދި ވަނަތައް ހޯދި ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، މުއައްސަސާތަކުގެ އިތުރުން ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ތާޖާއި އިނާމު ޙާޞިލު ކުރެއްވި ފަރާތްތަކަށް ތަހުނިޔާ އަދާކޮށްފައެވެ. އަދި އަދި މުބާރާތުގައި ކުދިން ބައިވެރިކުރެއްވި ސްކޫލް މަދްރަސާތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނަށްވެސް ރައީސް ވަނީ ޝުކުރުއަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ