ސަރުކާރު ފެއިލްވެފައޭ ބުނާނަމަ ޔާމިން ފެއިލް ވެއްޖެ: ގާސިމް

ރައީސް ވަހީދުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިން ވިދާޅުވާނަމަ، އެ ވިދާޅުވެ ވެނީ ޔާމިން ފެއިލްވި ވާހަކަ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގާސިމްގެ އުފަން ދުވަސް ފާހަގަ ކުރުމަށް މ. ކުނޫޒްގެ ގޭގެ ޖުމްހޫރީ ޕާޓީގެ ޖަގަހަގައި ބޭއްވި ރަސްމިއްޔާތައްފަހު މީޑިއާއަށް މައުލުމާތު ދެއްވަމުން ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ ޕީޕީއެމްއަކީ ސަރުކާރުގައި އެންމެ ގިނަ "ޕޯޓްފޯލިއޯ" ލިބިފައި ވަނީ ޕީޕީއެމްއަށް ކަމަށާއި ނަމަވެސް ސަރުކާރު ފެއިލްވެފައޭ ވިދާޅުވެ ޔާމިން ދައްކަވާ ވާހަކަފުޅަކީ "ތާކުންތާކުން ނުޖެހޭ" ވާހަކައެއް ކަމަށެވެ.
"ސަރުކާރު ފެއިލްވެފައޭ ބުނެފިއްޔާ ޔާމިން ފެއިލްވެފަ ހުރި ވާހަކަ ކަންނޭގޭ އެ ވިދާޅުވީ. ދެން އެންމެ ގިނަ ޕޯޓްފޯލިއޯ ސަރުކާރުން ލިބިފައިވަނީ ޕީޕީއެމްއަށް. ދެން އެހެންވީމަ އެއީ ރަނގަޅުވާހަކަފުޅެއް ނޫން. ރަނގަޅަށް ވިސްނައިވަޑައިގެންފިއްޔާ ޔާމިންއަށް ވެސް އެނގިވަޑައިގަންނަވާނެ ތިމަންނާއަށް ވިދާޅު ވެވެނީ ތާކުންތާކުން ނުޖެހޭ ވާހަކައެއްކަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރު ފެއިލްވެފައި ނެތް ކަމަށާއި ގާނޫނީ ގޮތުން ކުރައްވަންޖެހޭ ހުރިހާ ކަމެއް ސަރުކާރުންކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް ފޯރުކޮށްދެމުންދާއިރު އެންމެ އެދެވޭ ގޮތުގައި ގައުމު ކުރިއަށް ނުދާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ސަބަބެއް ކަމުގައި ގާސިމް ވިދާޅުވީ ފައިސާގެ ދަތިކަމާއި ބަޖެޓްގެ ދަރަނި ބޮޑުވުމާއި ޔޫރަޕްގެ އިގްތިސާދަށް އައިސްފައިވާ ބަދަލާ ގުޅިގެން ރާއްޖޭއަށް އަންނަ ޓޫރިސްޓުން މަދުވުމުގެ ސަބުބުން ރާއްޖެއަށް ލިބޭ އާންދަނީ މަދުވުމުން ގައުމު ހިނގަންވާ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ސަރުކާރުން ދީފައިވާ ޓްރާސްޕޯޓް މިނިސްޓަރުގެ މަގާމުން ޑރ. އަހުމަދު ޝަހީދު ވަކި ކުރެއްވުމުން، އެ ސުލޮޓަށް ޖުމްހޫރީ ޕާޓީގެ އިތުރު ބޭފުޅަކު ގެންނެވުމަށް ސަރުކާރަށް ޕްރެޝަރު ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ ޕާޓީއަކީ ގަދަބާރުން ކަންތައް ކުރުމުގެ ބަދަލުގައި އަބަދުވެސް ފުދިގެން އުޅޭ ޕާޓީއެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި މިރޭ ބޭއްވި ހަފްލާގައި ފިލްމީ ދާއިރާގެ މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ. އަދި ފިލްމީ ދާއިރާގެ ބޭފުޅުން ވަނީ 70 މީހުންގެ ފޯމު ވެސް އެ ޕާޓީއާ ހަވާލުކޮށްފަ އެވެ. އަދި ތ. ހިރިލަންދޫ ކައުންސިލްގެ މެންބަރަކު ވެސް އެ ޕާޓީއާ ގުޅިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ