މިސަރުކާރުންވަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ދެގުނައަށް އިތުރުކޮށްފަ - ތޯރިޤް
ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ މިންވަރު ދެގުނައަށް އިތުރުކޮށްފައި ކަމަށް ހަކަތަ އާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.ރައްޔިތުންނަށް ޔަޤީން ކަމާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ނިޒާމުތައް ރަގަނޅު ފެންވަރަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ށ. އަދި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރުމަށް އެންވަޔަރުމެންޓް މިނިސްޓްރީން ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ.ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ހަކަތަ އާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 6 މެގަވޯޓްގެ އިއާދަކުރަނިވި ހަކަތަ އުފައްދާނެ ނިޒާމް ގާއިމްކޮށްފައިވާކަމަށެވެ. އަދި ރައީސް ޔާމިން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާނެ ނިޒާމް ގާއިމްކޮށް އުފެއްދެނީ ހަމައެކަނި 2 މެގަ ވޯޓާ ގާތްކުރާ އަދަދަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ.މިނިސްޓަރ އިތުރަށް ވިދާޅުވީ މިނިޒާމުތައް ބަދަލުކުރުމުގެ ތެރޭގައި ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ހިންގާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 5 ރަށެއްގައި 2.5 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމުތައް ޤާއިމްކުރެވި އެ ވަޞީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރެވުނު މި ޕްރޮޖެކްޓްގެ ދަށުން ށ. އަދި ނ. އަތޮޅުގެ ރަށްރަށުގައި 2.86 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 29 ޖެނެރޭޓަރާއި، 2.86 މެގަވޮޓް އަވަރގެ ބެޓެރިއާއި، 10 ކިލޯމީޓަރުގެ ކޭބަލާއި، 24 އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑް އަދި 62 ޑިސްޓްރިބިއުޝަން ފޮށި ފޯރުކޮށްދެވޭނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެއެވެ. އަދި މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް މިރަށްރަށުގައި ޤާއިމުކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ