ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް ދީދީ (ޑީޑީ) ފުލުހުންގެ ވަޒީފާ އިން އިއްޔެ ވަކިކޮށްފި އެވެ.
އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް، ހިންގި ތަހުގީގަށް ފަހު ވަޒީފާ އިން ވަކިކުރީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުންނެވެ. ޑީޑީ މައްޗަށް ކުރަނީ ސީދާ ކޮން ތުހުމަތެއް ކަން ނޭނގުނަސް، އޭނާގެ މައްސަލަ ބަލަން ފެށީ، ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށް ވެ އެވެ.
ފުލުހުންގެ ވަޒީފާގައި 15 އަހަރު ހޭދަ ކުރެއްވި ޑީޑީ ވަޒީފާ އިން ވަކި މިކުރީ، އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ބަދަލުކުރުމަށް ފަހު އެވެ. މައްސަލައިގެ ތަހުގީގަށް ފުލުހުން އޭނާގެ ފޯނު ވެސް ހިފެހެއްޓި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް، އެ އަމުރުގެ ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުންގެ ތެރޭގައި ކުރި ކަމަށް ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ވެސް ހިމެނިވަޑައިގަންނަވާއިރު، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، އޭނާ ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އެސްއޯގެ ކުރީގެ ކޮމާންޑަރު އަބްދުﷲ ވަޒީފާ އިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ