ގާސިމް ފްލައިޓަށް އަރުވަން އެއާލައިނުން ދެކޮޅު ހެދި ކަމަށް ބުނާއިރު އެއާލައިނުން ދިން ލިޔުން ކޮބާތަ؟

ގާސިމް އިބްރާހިމް ސިންގަޕޫރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދިން މުހުލަތު ފަހަނަޅައި ދިޔައިރުވެސް އެނބުރިވަޑައިގެންފައި ނުވާތީ އެބޭފުޅާ ރާއްޖެ ގެނެސްދިނުމަށް ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަނަލް އިން ވަނީ އެދިފައެވެ.
ކަރެކްޝަނަލް އިން ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދިފައިވަނީ، އެނބުރި ރާއްޖެ ވަޑައިގަތުމަށް ގާސިމަށް އެންގުމުން ތަފާތު އެކި ބަހަނާތައް ދައްކަވައި ރާއްޖެ ވަޑައިގަންނެވުމަށް ގާސިމް ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ. ގާސިމްގެ ދިފާއުގައި ވާހަކަ ދައްކަވާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، އެބޭފުޅާއަށް ރާއްޖެ ވަޑައިގަތުމަށް “ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަށް އަރާވަޑައިގަތުމުގެ ހުއްދަ ދޭން އެ އެއާލައިނުން ދެކޮޅު ހަދަމުން ގެންދާ” ކަމަށެވެ.
އެހެން ނަމަވެސް “ރުމާލު2” އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ ފަރާތްޕުޅުން އެކަން ލިޔުމުން ކަރެކްޝަނަލް ސަރިވސް އަށް އަންގާފައެއް ނުވެއެވެ. އަދި ސިންގަޕޫރު އެއާލައިންސް އަށް ގާސިމް އަރުވަން އެ އެއާލައިނުން ހުއްދަ ނުދިންކަން ސާބިތުވާ އެއްވެސް ލިޔުމެއް ވެސް ކަރެކްޝަނަލް ސަރވިސް އާއި ގާސިމްގެ ފަރާތްޕުޅުން ހިއްސާކޮށްފައެއް ނުވެއެވެ. ހުރިހާ ގައިދީންނާއި މެދު ވެސް އެއްހަމައަކުން އަމަލުކުރުމަކީ ޤާނޫނީ ގޮތުން ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމް ކަމެކެވެ. އެހެން ގައިދީން ވެސް ބޭސްފަރުވާގެ ކަންތައް ފުރިހަމަ ކުރާއިރު ބަރާބަރަށް ލިޔުންތައް ހުށަހަޅަން ޖެހެއެވެ. މިއަދު ގައިދީއެއްގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހިމަށް ވެސް އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އެކަން ފުރިހަމަ ނުކުރައްވައި ތިމަންނާ ފްލައިޓަށް އަރުވަން އެއާލައިނުން ދެކޮޅު ހަދަނީ ކަމަށް ވިދާޅުވެގެން އޮޅުވާލައްވަން އުޅުއްވުމަކީ މިއަދުގެ ކުރިއަރާފައިވާ ދުނިޔޭގައި ކަން ހިނގާގޮތް އެނގޭ ކޮންމެ މީހެއްގެ ވެސް މަލާމާތް ޚުދު ޤާސިމަށް ރައްދުވެގެން ދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ