އަމިއްލަފުޅަށް ޖަލުގެ ކުޑަގޮޅީގައި އޮތުންވެސް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލުގައި ހުންނެވުމަށްވުރެ ހިތަށް ފަސޭހަކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮންކުށެއްގެ ތުހުމަތުކަންވެސް އަންގާނުލައި އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކޮށްގެން ގެންދިޔަ ޚަބަރު ލިބިވަޑައިގަތުމާއެކު ކީރިތި ކުރައްވާފައި ދަރިކަލުން ޖަލުގައި ހުންނެވުމުގެ ވޭންތައް މާބޮޑުކަމަށް ގާސިމް އިބްރާހިމް ވިދާޅުވީ އަރިހުގައި އެވަގުތު ތިއްބެވި ބޭފުޅުންގެ އަރިހުގައެވެ. ގާސިމް އިބްރާހިމް މިވަގުތު ހުންނެވީ ބޭސްފަރުވާޔަށް ޖަރުމަންވިލާތުގައެވެ. ގާސިމްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިދަނޑިވަޅުގައިވެސް ގާސިމް އިބްރާހީމްގެ ހިތްވަރާއި ސާބިތުކަމަށް ސާބަސް ރައްދު ކުރައްވާ ކަމުގައެވެ.
އިބްރާހިމް ސިޔާދަކީ ގާސިމް އިބްރާހީމްގެ ދޮށީ ދަރިކަލުންނެވެ. އަދި އެއީ ވިލާގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޮޑު މެންބަރެއްވެސްމެއެވެ. އިބްރާހިމް ސިޔާދު ގާސިމަކީ ދުވަހަކުވެސް ސިޔާސީ އެއްވުމެއްގައި ބައިވެރިވެވަޑަައިގެން ސިޔާސީ ވާހަކަތަކެއް ދެއްކެވި ބޭފުޅެއްވެސް ނޫނެވެ. ދުވަހަކުވެސް ކުށަކަށް އަރައިވަޑައިގެންނެވި އަދި އެކަމުގެ ރިކޯޑުއޮތް ބޭފުޅެއް ނޫނެވެ.
އިބްރާހީމް ހައްޔަރު ކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެފައިވަނީ ޒަމާނުއްސުރެ ގާސިމް އިބްރާހިމާއިމެދު ރައީސް ޔާމީނުގެ ހިތުގެ ތެރޭގައި އަނދަނމުންދާ ހަސަދައިގެ އަލިފާނުގެ ސަބަބުން ގާސިމް އިބްރާހީމުގެ ހަށިކޮޅަށް އަރައިގަތުމާއި އެމަނިކުފާނުގެ މުދަލާއި ފައިސާއަށް އަރައިގަތުމުގެ އިތުރުން މިހާރު ގާސިމުގެ ބޭފުޅުންނަށްވެސް އަނިޔާވެރިވާން ފެށީކަމުގައެވެ.
ދަރިކަލުން އިބްރާހިމް ސިޔާދާއިމެދު އޮނަރަބަލް ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިދުވަސް އިރާދަކުރެއްވިއްޔާ ހިނގައިދާނެ ކަމަށާއި ލޯބިފުޅުވާ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކުޑަގޮޅީގައި އޮންނެވި ކަމުގައިވިޔަސް ދަރިކަލުންނާއިމެދު އަދުލުވެރިކަމާއި އިހުސާންތެރިކަމާއެކު ހުރިހާކަމެއްވެސް ފުލުހުން ކޮށްދޭނެކަމަށް ޔަގީންކުރައްވާ ކަމުގައެވެ.
އަމިއްލައަށް ކުޑަގޮޅީގައި އޮތުންވެސް ދަރިކަލުން ޖަލުގައި ހުންނެވުމަށްވުރެ ހިތަށް ފަސޭހަ: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ