ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ މިއަދު މުޅި ރާއްޖޭގެ މަގުތަކުގައި މިއަދު ހަވީރު ވަރުގަދަ ހަރަކާތެއް ބާއްވަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ނިންމާފައެވެ.
މިހަރަކާތަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި މިއަދު ހެނދުނު ވަނީ ސައެއް ވެސް ބާއްވާފައެވެ.
މިއަދު ހެނދުނު އެމްޑީޕީ ހަރުގޭގަައި ބޭއްވި ސައިގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި އިސް ހަރަކާތްތެރިން ވަނީ ބައިވެރިވެފައެވެ.
ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރު ތަންފީޒު ކުރުމަށް ގޮވާލާ މިއަދު ހަވީރު މުޅި ރާއްޖޭގައި ބާއްވާ ހަރަކާތުގައި ބައިވެރިވުމަށް އެއްވަގުތެއްގައި ރައްޔިތުން މަގުމައްޗަށް ނުކުތުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
އެގޮތުން މާލޭގައި ރައްޔިތުން ނުކުތުމަށް ހަމަޖެހިފައިވަނީ މަޖީދީމަގަށެވެ. އަދި އެހެން ރަށްރަށުގައި ބޮޑެތި މަގުތަކަށް ނުކުތުމަށް ވަނީ ނިންމާފައެވެ. މި ޚާއްސަ ހަރަކާތް ފެށުމަށް ނިންމާފައިވަނީ ހަވީރު 4:30 ގައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބާއްވާ ސިލްސިލާ އިހުތިޖާޖުތައް މާލޭގައި ކޮންމެ ރެއަކުވެސް ކުރިއަށް ގެންދާއިރު އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި މި އިހުތިޖާޖުތައް ދަނީ ބާއްވަމުންނެވެ.
މުޒާހަރާތަކުގައި އާންމުގޮތެއްގައި ރައްޔިތުން ގޮވާލަމުންދަނީ ފަސް ފަނޑިޔާރުންގެ އަމުރު ތަންފީޒު ކުރުމަށާއި އެއަމުރުގައި މިނިވަންކުރުމަށް އަމުރުކޮށްފައިވާ 9 ބޭފުޅުން މިނިވަން ކުރުމަށެވެ. އަދި އެއަމުރު ތަންފީޒުނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހުވެސް އެތައް ބަޔަކު ހައްޔަރުކޮށްފައިވާއިރު، އެއެންމެން ދޫކޮށްލުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަނެއެވެ.
ސިޔާސީ ޕާޓީތަކުގެ ޚާއްސަ ހަރަކާތް މިއަދު ހަވީރު 4:30 ގައި ފެށޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ