މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްގެ މުއްދތު އިތުރުކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްގެ މުއްދތު އިތުރު ކޮށްފިއެވެ.
މީގެ ކުރީން ޔެލޯ އެލާޓް ނެރެފައިވަނީ، ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް، މެދުރުފަހު 15:00 އިން 17:00 އަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން އަލުން ޔެލޯ އެލާޓް ނެރެފައި ވަނީ މ. އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދުތަކަށް ނެރެފައިވާ ޔެލޯ އެލާޓްގެ މުއްދަތަކީ މިއަދު 17:00 އިން 21:00 އަށެވެ.
މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ރަގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.
އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާ 8 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުތައް މެދުތެރޭގެ އަތޮޅުތަކުގައި އާދައިގެވަރަކަށް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް
ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ