ހުޅުމާލޭގައި އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ވޯލްޑް ބޭންކާއި އެނާޖީ މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ސޯލާ ޕެނަލްތައް ހަރުކުރާނީ ކުރިން އިމާރާތްކޮށް މީހުން ދިރިއުޅެން ފަށާފައިވާ 1،000 ހައުސިން ޔުނިޓުން ހޮވާލެވޭ ތަންތަނުގައި ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި ހުޅުމާލޭގައި އަވިން ކަރަންޓް އުފައްދަން ބޭނުންވާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާއި ސުވިޓްޒަލެންޑްގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ހުޅުމާލޭ ރިނިއުބަލް އެނާޖީ ކޮމްޕެނީއާ އެވެ. އެ މަސައްކަތް ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ހުޅުމާލޭގައި އަވިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ޕެނަލްތައް މިހާރު ގެނެސްފައިވާ ކަމަށެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަވިން އުފައްދާ ކަރަންޓް ފޯރުކޮށްދޭނީ ސްޓެލްކޯގެ ގްރިޑާ ގުޅާލައިގެން ކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ތަފުސީލް މައުލޫމާތު ދެވޭނީ އެނާޖީ މިނިސްޓްރީން އަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު މި މަޝްރޫއާ ބެހޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ހުޅުމާލޭގައި އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫއެއް ކުރިޔަށް ދާއިރު، ސްޓެލްކޯ އިން އަންނަނީ ހުޅުމާލޭގައި ޖުމްލަ 50 މެގަވޮޓްގެ ކަރަންޓު އުފެއްދޭ، 8.9 މެގަވޮޓް ހަ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އެއް އަހަރާ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ސްޓެލްކޯ އިން ދާދި ފަހުން ބުންޏެވެ.
ހުޅުމާލޭގައި އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ