ގައުމު ނޮޅާ ލޭބޯއިރު، އެތަން ބަލަން ގާސިމް ނުހުންނަވާނެ: އަމީން

ކިތަންމެ ނުރުހުނު ނަމަވެސް ގައުމު ނޮޅާ ލޭބޯއިރު، އެތަން ބަލަން ގާސިމް އިބްރާހިމާއި، ޖުމްހޫރީ ޕާޓީ މަޑުންތިބޭނެކަމަށް ދެކޭނީ ބޮޑެތި މޮޔައިންކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ގާސިމް އިބްރާހިމް އިސްލާހަށް ކުރައްވާ މަސައްކަަތަށް ފުރައްސާރަކޮށް މަޖިލީސް މެންބަރު އަލީ މައުރޫފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އަމީން އިބްރާހިމް ވިދާޅުވީ ޕީޕީއެމްއާއިއެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދާ، ރައްޔިތުންނަށް އާދޭސްކޮށްގެން ގާސިމް އިބްރާހިމް ރައީސް ޔާމީން ވެރިކަމަށް ގެނައީ، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން ޔާމީން ވީވައުދާއި، ގާސިމް އިބްރާހިމް އަރިހުގައި ކުރި އާދޭހާ ހެދިކަމަށެވެ.
އަމީން ވިދާޅުވީ ކިތަންމެ ނުރުހުނު ނަމަވެސް ގައުމު ނޮޅާ ލޭބޯއިރު، އެތަން ބަލަން ގާސިމް އިބްރާހިމާއި، ޖުމްހޫރީ ޕާޓީ މަޑުންތިބޭނެކަމަށް ދެކޭނީ ބޮޑެތި މޮޔައިންކަމަށެވެ.
ރޭ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު އަލީ މައުރޫފް ވަނީ އިސްލާހަށްޓަކައި ގާސިމް ކުރައްވާ މަސައްކަތްތަކަށް ފުރައްސާކޮށް، އެމަނިކުފާނަށް ހުތުރު ބަސް ރައްދު ކުރައްވާ ވާހަކަދައްކަވާފައެވެ.
ރައީސް އަބުދުﷲ ޔާމީންގެ ރުހުން ހޯއްދެވުމަށް މީގެ ކުރިންވެސް މިފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކާފައިވާ އަލީ މައުރޫފް ދައްކަވާ ގިނަ ވާހަކަތަކަށް އާންމު ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ހަޖޫޖަހާ އޭނާ މެންބަރަކަށް ކުފޫހަމަވޭތޯވެސް ސުވާލު ކުރަމުންނެވެ.
އުމުރުން ދޮށީ ބޭފުޅެއް ނަމަވެސް އޭނާ ވަނީ މީގެ ކުރިން ރައީސް ޔާމީންގެ ރުހުން ހޯއްދެވުމަށް ބުރިޖް މަތީގައި ކައިވެނި ކުރަން އޭނާވެސް ބޭނުންވާކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެކަމާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
2013ގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީނަށް އެންމެ 25 ޕަސެންޓް ލިބުނުއިރު، ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮތް އެމްޑީއޭއަށް ނިސްބަތްވާ އަލީ މައުރޫފްގެ ހުތުރު ބަސްތައް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި، މަޖިލީސް މެންބަރުން ދަނީ ކުށްވެރިކުރަމުންނެވެ. އަދި އޭނާއަކީ ވެރިމީހާ ރުހުން ހޯއްދެވުމަށް އެހެންމީހުންނާއި ގުޅޭގޮތުން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަވާފާނެ ބޭފުޅެއްކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ