ގާސިމްގެ ހިތްވަރަށް ސެލިޓްކުރަން: ރައީސް މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވަމުން ގެންދަވާ ހިތްވަރަށް ސެލިޓްކުރައްވާކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދޫނިދޫގައި 19 ދުވަހާއި 17 ގަޑިއިރު ބަންދުގައި ބެހެއްޓުމަށްފަހު ގާސިމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް މިނިވަންވެެގެންދިއުމަކީ ހިތްޕުޅަށް ލިބިގެންދިޔަ ލުއިކަމެއްކަމަށާ އެކަމާއި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާކަމަށެވެ.
އަދި ގާސިމް އިބްރާހިމް ދައްކަވަމުން ގެންދަވާ ހިތްވަރަށް ސެލިޓްކުރައްވާކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ. އަދި ގާސިމް އިބްރާހިމަށް އަބަދުވެސް ކާމިޔާބަށް އެދޭކަމަށާ ހެޔޮގޮތް އެދޭކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ދޫނިދޫގައި 19 ދުވަހާއި 17 ގަޑިއިރު ބަންދުގައި ބެހެއްޓުމަށްފަހު ގާސިމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ 7 ޝަރުތަކާއިއެކުއެވެ.
ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކޯޓުން ކުރިމަތި ކޮށްފައިވާ ޝަތުރުތަކުގެ ތެރޭގައި، ތަހްގީގަށް އެއްބާރުލުން ދިނުމާއި، ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަށް ނުދިއުމަށާއި، މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުދޭއްވުމަށާއި، މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުމާއި، މުޖުތަމައު ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހިމްގެ ގޮވަތި ގެދޮރު ބޭނުން ނުކުރެއްވުމަށާއި، އެފަދަ ކަންކަން ކުރުމަށް އެހެން މީސްމީހުންނަށް އެތަންތަން ނުދިނުމާއި، ދައުލަތުގެ ތިންބާރާއި، ތިންބާރުގެ ވެރިންނާއި ބެހޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ