މައުލޫމާތު ހޯދާ ލިބިގަތުމުގެ ބިލް އަވަހަށް ތަސްދީގުކުރެއްވުމަށް އެމްޖޭއޭ އިން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލް ވީހާ ވެސް އަވަހަށް ތަސްދީގުކޮށްދެއްވުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލައިފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލް ފަރުމާކޮށްފައި ވަނީ ރައްޔިތުން ބާރުވެރިކޮށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭ ގޮތަށް ކަމަށެވެ.
ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ ބާބުގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ލިބުމުގެ ހައްގެއް ކަން އެމްޖޭއޭ އިން ފާހަގަކޮށްފައިވެ އެވެ.
"މި ޖަމިއްޔާ އިން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ 67 މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ އެ ބިލް އަވަހަށް ތަސްދީގުކުރައްވައި ގާނޫނަށް އަމަލުކުރުމަށް ކަނޑައަޅާފައިވާ ހަ މަސް ދުވަހުގެ ތެރޭގައި އިދާރީ ނިންމުންތައް ނިންމައި ގާނޫނު ތަންފީޒުކުރަން ފެއްޓުމުގެ މަގުފަހިކޮށްދިނުމަށް،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލްގައި ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ހާމަކުރުމުގައި ގެންގުޅޭނެ އުސޫލުތަކާއި ކަންތައް ކުރާނެ ގޮތް ބަޔާންކޮށްފައިވާ ބިލެކެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން ހިފަހައްޓާ މައުލޫމާތުތައް ވެސް 10 އަހަރުގެ ފަހުން ހާމަކުރަން ޖެހޭ ގޮތަށް އެ ބިލްގައި ވަނީ ހިމަނާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ