ޝަރުއީ ދާއިރާއަށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނީ އެދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ހަމަޖައްސައިދީގެން ކަމަށްވާތީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑުމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މަސައްކަތްތަކަށް ދަތިނުވާ ގޮތަށް އެތަނުގެ ބަޖެޓް ހަމަޖައްސައިދޭން ޖެހޭ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިއަދު ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ހުސްވަގުތު ކޮޅުގެ ތެރޭގައި މަޖިލީހުގައި އެވަގުތު ތިއްބެވި ނޫސްވެރިންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މުއައްސަސާތަކުން އެދޭ ބަޖެޓް ފިނޭންސް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ކުޑަކުރަމުންދާތީ މުއައްސަސާތަކަށް ގާނޫނީ ގޮތުން ލާޒިމް ކުރާ ކަންކަން ނުކުރެވި މަސައްކަތްތައް ބައެއް މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ނުދެވި ރައްޔިތުން ކުރިމަތީގައި މުއައްސަސާތަކުގެ އަގު ވެއްޓޭކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކުރުމާއި އިސްލާހުކުރުމުގެ ވާހަކަ އަބަދުވެސް ދެކެވޭ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ޝަރުއީ ދާއިރާއިން އެދޭގޮތަށް ބަޖެޓު ހަމަޖައްސައިދީގެން ކަަމަށެވެ.
ބަޖެޓް ކޮމިޓީގައި މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއި ޑީޖޭއޭގެ ބޭފުޅުން ހާޒިރުކޮށް ކުރިއަށްދިޔަ ބައްދަލުވުމުގައިވެސް ގާސިމް ވަނީ ޑީޖޭއޭ އިން މިއަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމުން އެ ބަޖެޓަށް ފިނޭންސް މިނިސްޓްރީން ގެނެސްފައިވާ ބަދަލުތަކަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ ޑީޖޭއޭގެ ބަޖެޓަށް ފިނޭންސް މިނިސްޓްރީން ގެނެސްފައިވާ އުނިއިތުރުތަކާއި ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަަމަށެވެ. އެހެންކަމުން ޑީޖޭއޭގެ ގާނޫނީ ވާޖިބު އަދާކުރުމަށްޓަކައި އެތަނުން އެދެމުންދާ ވަރުގެ ބަޖެޓެއް ހަމަޖައްސާ ދެއްވުމަށް ގާސިމް އިބްރާހިމް ވަނީ އެދިވަޑައިގެންފަ އެވެ.
ބަޖެޓް ކޮމިޓީގައި ޑީޖޭއޭގެ ބޭފުޅުން ވިދާޅުވީ އެތަނާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި އެތަނުގެ މިއަހަރުގެ ބަޖެޓުން 20 އިންސައްތަ ފިނޭންސް މިނިސްޓްރީން އުނިކޮށްފައިވާ ކަމަށާއި އެހެންކަމުން 12.8 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ނުދެއްކި އެބަހުރި ކަަމަށެވެ. އެބޭފުޅުން ވިދާޅުވީ މުވައްޒަފުންގެ މުސާރަވެސް އާދޭސްކޮށްގެން ހޯދަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށާ އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ޝަރުއީ ދާއިރާގެ އަގުވެއްޓިގެންދާ ކަމަށެވެ.
މިއަހަރު ޑީޖޭއޭއަށް ހަމަޖައްސައިދިނީ 358 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ޑީޖޭއޭގެ ބޭފުޅުން ވިދާޅުވީ މިއަހަރުގެ ހަރަދުތައް އެ ބަޖެޓުން ދެކޮޅުނުޖެއްސޭތީ ފިނޭންސް މިނިސްޓްރީގައި އެދުމުން އިތުރު 73 މިލިއަން ރުފިޔާ ހަމަޖައްސައިދިން ނަމަވެސް އަހަރުގެ މިހާތަނަށް އައިއިރު އެ ޑިޕާޓްމަންޓުގެ ބަޖެޓުން 64 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ކަނޑާލާފައިވާ ކަމަށެވެ.
ޑީޖޭއޭ އިން އަންނަ އަހަރަށް އެދިފައިވަނީ 1.1 ބިލިއަން ރުފިޔާގެ ބަޖެޓަކަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ޑީޖޭއޭގެ ބަޖެޓުގެ ގޮތުގައި ހަމަޖައްސާފައިވަނީ 438.6 މިލިޔަން ރުފިޔާ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީއާ އޭސީސީގެ ބޭފުޅުންވެސް ވިދާޅުވީ އެ ތަންތަނުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ހިފަހައްޓާފައިވާ ކަމަށާއި ހަރަދުކުރާނެ ފައިސާ ނެތް ކަމަށެވެ. ނަމަވެސް އެތަންތަނުން ހަރަދުކުރަން ބޭނުންވާ ކަންކަން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އެކަން ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުނާ ކަމަށްވެސް މުއައްސަސާތަކުން ބުނެފައިވެ އެވެ.
މިނިވަންކޮށް މަސައްކަތް ކުރުމަށް ޑީޖޭއޭ އިން އެދޭ ބަޖެޓް ދިނުން މުހިއްމު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ