ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް ސުޕްރީމް ކޯޓުގެ ހުކުމުގެ ބާރު ދަމަހައްޓާނަން: ރައީސް

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ހުކުމް މިސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް ދަމަހައްޓާ ސުޕްރީމް ކޯޓުގެ ހުކުމަށް ބާރު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލީޝަންގެ ފަރާތުން ޕީޕީއެމްގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަހްމަދު ނިހާން ހުސައިން މަނިކުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރެއްގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ނިންމާ ހުސްވެފައިވާ މެންބަރު ކަމަށް ބޭފުޅުން އައްޔަންކުރެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވާތީ އެ ހުކުމް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތް މިހާރު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، އަދި މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިހާ ކުރުމުއްދަތެއް ދެއްވީ ހަ ދުވަހުގެ ތެރޭގައި މިކަންކަން ކުރެއްވުމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބާރުއަޅާފައިވާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން ޝަރުއީ ދާއިރާ އިސްލާހުކުރަން ގޮވާލާތީ އެކަމާއި ގުޅިގެން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރަން ގޮވާލަންޖެހޭނީ އެކަމުގައި މިސާލުތަކެއް އެ ބަޔަކު ދެއްކުމަށްފަހު ކަމަށެވެ. ރައީސް ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާ އިސްލާހުކުރަންޖެހޭ ކަން އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. އަދި ކޯޓު ތަކުގައި ހިނގަންޖެހޭ މައްސަލަތައް ނުހިނގާ ހުރި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ތިންބާރު ވަކިކުރެވިފައިވަނިކޮށް ސުޕްރީމް ކޯޓުން ހުކުމެއް ނެރުމުން ދައުލަތުގެ މުއައްސަސާއެއްގެ އިސްވެރިއަކު ނިކުމެ ކޯޓުގެ ހުކުމަށް ފާޑު ވިދާޅުވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ތަހުޒީބީ މުޖުތަމައު ތަކުގައި ކަންކަން ކުރާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ހުކުމްކުރީ ގާނޫނު އަސާސީއާ އިލެކްޝަންސް ކޮމިޝަންގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ރައީސް ޔާމީނަށް މިއަދު ފޮނުއްވި ސިޓީއާއި މަޖިލީހުން މިއަދު ނެރުނު ބަޔާނަށް ވެސް ރައީސް ވަނީ މިރޭގެ ޖަލްސާގައި ރައްދުދެއްވާފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއަށް ނިސްބަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް މަޖިލީހުގެ ރައީސްއަށް ބަޔާން ނުނެރުއްވޭނެ ކަމަށެވެ. އަދި ޝާހިދު ނެރުއްވި ބަޔާނަކީ މަޖިލީހުގެ ނިންމުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ހުކުމްތަކާއި ގުޅިގެން ބައެއް ބޮޑެތި ގައުމުތަކުންނާ ޖަމާއަތްތަކުން ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑުކިޔާ ނެރޭ ބަޔާންތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ އެފަދަ ބަޔާންތަކުން ސަބަބުން އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު އެކަމަށް ވައުދުވެވަޑައިގެންފައިވާތީ އެކަން އެގޮތަށް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮއިކޮޓް ކުރަންޖެހިދާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައީސް ޔާމީން ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެއް ޕާޓީއެއްގެ އަޑު ރައްޔިތުންގެ މަޖިލީސް ފަދަ މުއައްސަސާއަކުން ކެނޑިގެންދާ ގޮތަށް އިންތިހާބު ބޮއިކޮޓްކުރުމަކީ ތަހުޒީބު ގައުމުތަކުގައި ކޮށް އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދަނޑުބޭރުން ކުޅުއްވުމަށްވުރެ ރަގަޅުވާނީ އެކަމެއް ކުރަން އޮންނަ އުސޫލަކުން އެކަމެއް ކުރުން ކަމަށާއި، މަގުމައްޗަށް ނިކުމެ މުޒާހަރާކުރުމަކީ އާދަކަމަށްވަންޔާ އެއީ ޑިމޮކްރަސީ ނޫން ކަމަށެވެ. އަދި އިންތިހާބުގައި ވާދަކޮށްލަން ކެރެންވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު މިއޮތް މަޖިލީހަކީ ރައްޔިތުންގެ ކުރިމަތީގައި އަމާނާތްތެރިކަން އިސްކުރާ މަޖިލީހެއް ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި ކަރާމާތް އަލުން ހޯދަންޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ މެންބަރުން ތިބިކަމަށް ތުހުމަތުކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޝަން ފިލުވާލެވިފައިވާ އަދި އެކަމުގެ މިސާލު ދައްކައިދޭ މުއައްސަސާއަކަށް ހަދަންޖެހިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ކޯލީޝަނަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުމަކީ ހުރިހާ ކަމެއް ހުއްޓެންޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ބަޖެޓް ފާސްވުމުން ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ބަޖެޓާ އެއްވަރުގެ އަދަދަކަށް އެމަނިކުފާނުގެ ސަރުކާރުން ފައިސާ ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މިރޭގެ ޖަލްސާއަށް ރައީސް ހާޒިރުވެވަޑައިގެންނެވީ ތަންކޮޅެއް ލަހުން ކަމަށްވާތީ ރައީސް ވިދާޅުވީ އެމަނިކުފާނު ޖަލްސާއަށް ހާޒިރުވުން ލަސްވީވެސް އެތައް މިލިއަން ޑޮލަރެއްގެ ބޮޑު އިންވެސްޓްމަންޓެއްގެ ކަންކަމުގައި ބޭރުގެ ބަޔަކާއި މަޝްވަރާކުރަންޖެހުމުން ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ރާއްޖޭގައި ވަރަށް ބޮޑަށް އިންވެސްޓްކުރަން ބޭނުންވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަށް މަގުފަހިކުރުމަށް އަދި އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމަށް ފޮރިން އިންވެސްޓްމަންޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލިސް ހުޅުވުމާއެކު ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އެކޮނޮމިކް ޒޯންގެ ބިލް ވެސް މަޖިލީހަށް ހުށަހެޅުއްވުމަށް ނިމިފައިވާ ކަމަށާއި، އަދި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފެށެން ތައްޔާރުވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ