ރައީސްއާ ނަޝީދު އަދި މާރިޔާގެ މައްސަލަތަކެއް އޭސީސީއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސްވެރިންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުށަަހަޅައިފިއެވެ.
މިއަދު ހަވީރު ޕްރޮގްރެސިވް ކޯލިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލްއުސްތާޒު މުހައްމަދު ޝަހީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދެން އޭސީސީއަށް ހުށަހެޅި މައްސަލައަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްސަލައެކެވެ. އެ މައްސަލަތަކުގެ ތަފްސީލުވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީދު ވަނީ ނޫސްވެރިންނާއި ހިއްސާ ކުރައްވާފައެވެ.
ޝަހީދު ވިދާޅުވީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވުމާއި އެކު މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށް އަމިއްލަ ދަތުރުފުޅުތަކުގައި ދައުލަތުގެ މުދާ ރައީސް ސޯލިހު ބޭނުން ކުރައްވާފައިވާ ކަމަށާއި އެއީ ކޮރަޕްޝަނުގެ އަމަލެއް ކަމަށެވެ. އަދި ދައުލަތުގެ އެންމެ އިސްވެރިޔާ ނަމަވެސް ދައުލަތުގެ އެއްވެސް މުދަލެއް އަމިއްލަ ބޭނުންތަކަށް ބޭނުން ނުކުރެވޭނެ ކަމަށް ޝަހީދު ވަނީ ކޮރަޕްޝަންގެ ގާނޫނުގެ މާއްދާތަކާއި ހަވާލާދީ ވިދާޅުވެފައެވެ.
ރައީސް ނަޝީދާއި ގުޅޭ ގޮތުން އޭސީސީއަށް ހުށަހެޅި މައްސަލައަކީ ދާދިފަހުން އެމަނިކުފާނު ހުވަދު އަތޮޅުގެ ރަށްތަކަށާއި ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅާއި ގުޅޭ މައްސަލައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ މީޑިއާ އެ ދަތުރުގައި ބޭނުން ކުރައްވާ އެއީ ރަސްމީ ދަތުރުފުޅެއް ކަމަށްބުނެ މަޖިލީހުގެ ރަސްމީ ޓްވީޓާ އެކައުންޓުން ޓްވީޓުކުރިއިރު އެ ދަތުރުފުޅަކީވެސް އަމިއްލަ ދަތުރުފުޅެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ގއ. ވިލިނގިއްޔަށް ވަޑައިގެންނެވީ އެ ރަށުގައި ބޭއްވި ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަންނެވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ ހުވަދު އަތޮޅުގެ އެހެން ރަށްރަށާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވަޑައިގެންފަ އެވެ. އެއީ އެމަނިކުފާނު ކުރެއްވި އަމިއްލަ ދަތުރުފުޅުތަކެކެވެ.
އޭގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޔުނައިޓެެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) ގެ އިންޓީރިއާއަށް ވަޑައިގެން އެ ތަނުގެ އިންޓީރިއާ މިނިސްޓަރާ ކުރެއްވި ބައްދަލުވުމުގައި އޭނާގެ ދަރިކަލުން ބައިވެރި ކުރި މައްސަލަ ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އޭސީސީއަށް ހުށަހަޅައިފަ އެވެ.
މި ސަރުކާރުގެ އިސްވެރިންތަކެއްގެ މައްސަލަތައް އޭސީސީއަށް ހުށަހަޅާފައިވާއިރު ބައެއް މައްސަލަތައް ހުށަހެޅުމަށް މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނަށް އާއްމު ރައްޔިތުންވެސް ސަރުކާރުގެ އިސްވެރިންނާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް 60އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.
ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، މިނިސްޓަރު މާރިޔާއާ ދެކޮޅަށް އިދިކޮ ކޯލިޝަނުން މައްސަލަތަކެއް ހުށަހެޅި ނަމަވެސް އެއިން އެ މައްސަލައެއް ބަލާނެ ކަމެއް ނުވަތަ ނުބަލާނެ ކަމެއް ވެސް އެ ކޮމިޝަނުން އަންގާފައެއް ނުވެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ