މުސްކުޅި ފިރިހެނަކު އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

މުސްކުޅު އުމުުރުގެ ފިރިހެނަކު އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. މިއަދު މާލޭގައި ޕާކް ކޮށްފައިި ހުރި ސައިކަލެއްގެ މަތީގައި އިން މުސްކުޅި ފިރިހެނަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރާ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. އެ އަންހެން މިހާ ޝޯޝަލް މިޑިއާގައި އާންމު ކުރި ވީޑިއޯގައި ފިރިހެން މީހާ ބޭ އަދަބީކޮށް ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. އަދި ބަދު އަހްލާގީ އަމަލު ހިންގުމަށް ދައުވަތުދެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ޝޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. "އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައް ފުލުހުންދަނީ ބަލަމުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ފުލުހުން އެ މައްސަލަ ބަލަމުން އަންނަ އިރު، މިދިޔަ ޖޫން މަސް ތެރޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް 56 އަހަރުގެ މީހަކު ޖިންސީ ފުރައްސާރަކޮށްގެން ފުލުހުން އެެމީހާ ހޯދުމަށްފަހު ހައްޔަރުކުރި އެވެ. އަދި ފަހުން އޭނާގެ މައްޗަށް ދައުވާކޮށް، އެ ދައުވާ ސާބިތުވެ، ތިން މަހަށް ޖަލަށްލުމަށްވެސް ހުކުމް ކުރިއެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ޖިންސީ އެކިއެކި ކުށްތަކުގައި މިއަހަރު މިހާތަނަށް 354 މައްސަލައެއް އެ މުއައްސަސާއަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މި މަހު މިހާތަނަށް 13 މައްސަލައެއް ހުށަހަޅާފައިވެއެވެ. މިދިޔަ މަހު ހުށަހެޅިި މައްސަލަތަކުގެ އަދަދަކީ، 37 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ