މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް، ކުޅިވަރު ހަރަކާތްތައް ކެންސަލް!

މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ބައެއް ރަށްރަށަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގައި މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހުނު ކުޅިވަރު ހަރަކާތްތައް ކެންސަލްކޮށްފި އެވެ.
އެގޮތުން މިއަދު އެންމެ ފުރަތަމަ ކަނޑުމަތީގެ ހާދިސާއެއް ހިނގާފައިވަނީ އއ އަތޮޅުގެ ބަޠަލާ ރިސޯޓުގެ އިރު ދެކުނުން 8 މޭލު ބޭރަށް ދޯންޏެއް އަޑިއަށްދާކަމުގެ ހާދިސާއެވެ.
އެމްއެންޑީއެފްއިން ބުނީ މިއަދު 15:30 ހާއިރު އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ލިބުމާއެކު ކޯސްޓްގާޑުގެ އިސްކަންދަރު ލޯންޗް ވަގުތުން އެސަރަހައްދަށް ދިއުމަށް ފުރި ކަމަށާޢި “ރޯކުރި” ނަމަކަށް ކިޔާ މިދޯންޏަކީ މާލެއިން ފުރައިގެން އއ.އަތޮޅު ބަތަލާ ރިސޯޓަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ.
މިދޯނިން ދަތުރުކުރީ 4 މީހުން ކަމަށްވެސް ކޯސްޓްގާޑުން މައުލޫމާތު ދެއްވައެވެ. އެމް.އެން.ޑީ.އެފްއިންނާއި އއ. ބަތަލާ ރިސޯޓުން މިދޯންޏާއި ގުޅުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ.
މީގެއިތުރުން ރ.ވާދޫ ސުކޫލުގެ އިނާމުދިނުމުގެ ޖަލްސާއަށް ދަތުރުކުރި ލާންޗެއް އެކްސިޑެންޓެއްހިނގާ ލޯންޗްގެ ކެޕްޓަނަށް ވަނީ އަނިޔާވެފައެވެ. މިލޯންޗަކީ ރ.އަތޮޅު ކައުންސިލްގެ ލޯންޗެކެވެ. އެވަގުތު ލޯންޗްގައި ތިއްބެވީ އަތޮޅު ކައުންސިލްގެ ބޭފުޅުންނެވެ. ލޯންޗް ދެފަޅިވެފައިވާއިރު އަނިޔާވި މީހާއަށް މިހާރު ދަނީ އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މީގެއިތުރުން ފޭދޫ ފިނޮޅު ކައިރިއަށް ލާންޗެއް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓެއް ލިބިފައިވާއިރު މިއަދު ޅ. އަތޮޅަށް ކުރާ ގަދަ ވިއްސާރައާއި ގަދަވައިގައި ޖެހިގެން އައި ކޮޅިގަނޑެއްގައި ޅ. ހިންނަވަރު ދޯންޏެއް ވެސް ވަނީ ފެތިފައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރުން ބުނިގޮތުގައި ވިއްސާރައިގެ ސަބަބުން ޑޮމެސްޓިކް ފްލައިޓްތައް ވަނީ ޑައިވާޓްކޮށްފައެވެ. އަދި އެތެރޭގެ އުދުހުންތައް ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް އިންޓަނޭޝަނަލް ދަތުރުތަކަށް ބުރޫއަރާފައި ނުވެ އެވެ.
މިރޭ ގަލޮޅު ދަނޑުގައި ބާއްވަން ހަމަޖެއްސި މިނިވަން ދުވަހުގެ ކުޅިވަރުތައް ވިއްސާރައިގެ ސަބަބުން މިހާރު ކެންސަލްކުރިއިރު ކުޅިވަރުތައް މާދަމާ ރޭ ބޭއްވޭތޯ ދަނީ ބަލަމުންނެވެ.
މީގެއިތުރުން ހުޅުމާލެ ފެރީއެއް ހުޅުމާލެ ނެރުން ނިކުންނަން ދަނިކޮށް ފެރީއަށް ރާޅު އަރައި ލޯގަނޑުތައް ތަޅައިގެން ގޮސް ފެރީގައި އެވަގުތު ތިބި ބައެއް މީހުންނަން އެކިވަރުގެ އަނިޔާވަނީ ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މޫސުން ރަނގަޅުވަންދެން ބައެއް ފެރީގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ.
ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ މޫސުމް ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ