މެމްބަރު ޝިޔާމް ކޮވިޑުން ރަނގަޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޮވިޑް-19 އިން ރަނގަޅުވެއްޖެ އެވެ. ޝިޔާމް ޕޮޒިޓިވްވީ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 15 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރެއްވުމަށް ފަހު މިއަދު ބޭރަށް ނުކުމެވަޑައިގެންފައިވާ ކަމަށެވެ. "ކަރަންޓީނުގައި ހުރި ދުވަސްތަކުގައި އަޅުގަނޑުގެ ހާލު ބައްލަވަން ގުޅުއްވާ މެސެޖް ކުރައްވާ އަދި ހެޔޮދުއާގެ މެސެޖްތަށް ފޮނުއްވާ ޕޯސްޓުކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު އަދި އާއިލާގެ އިހްލާސްތެރި ޝުކުރު ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ދަތުރުކުރެއްވުމަށްޓަކައި މާޗު މަހުގެ 17 ވަނަ ދުވަހު ހެދި ޕީސީއާރް ޓެސްޓުންނެވެ. ޝިޔާމް މީގެކުރިން ވިދާޅުވީ އެ ދުވަހުން ފެށިގެން ކަރަންޓީނުގައި ހުންނެވި ކަމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ޝިމާޔް ކޮވިޑުން ރަނގަޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މިވަގުތު ހުންނެވީ ކަރަންޓީނުގަ އެވެ. ޝިޔާން "ސަން" އަށް ވިދާޅުވީ އޭނާ ޕޮޒިޓިވްވީ ގޭތެރެއިން ޑައިރެކްޓް ކޮންޓެކްޓެއް ވެގެން ކަމަށެވެ. ޕޮޒިޓިވްވިކަން އެނގުނީ ބަލިވެގެން ފުލޫ ކްލިނިކަކަށް ދައްކައި ޓެސްޓް ހެދުމުން ކަމަށް ޝިޔާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ