ނޫސްވެރިންނަށް އަނިޔާ ކުރާ މައްސަލަައިގައި މީޑިއާތަކުން އިހުތިޖާޖެއް ކޮށްފި

މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ޗެނަލް 13 ގެ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާއާ ދެކޮޅަށް ގިނަ ނޫސްވެރިންތަކެއް ބައިވެރިވެގެން އިހުތިޖާޖެއް ކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ހިންގާ ބިއްލޫރިޖެހިގެ ކުރިމަތީގައި ތިބެގެން ނޫސްވެރިން ވަނީ ޝުއޫރު ފާޅު ކުރުމަށް ބޯޑުތަކެއް ހިފައިގެން ނުކުމެފައެވެ. އެ މުޒާހަރާގައި ގިނަ ނޫސްވެރިން ބައިވެރިވެފައިވާ އިރު މިނިވަން ކަމާއެކު ނޫސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް ވަނީ ގޮވާލާފައެވެ.
މިއަދުގެ މުޒާހަރާގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ، ހުކުރު ދުވަހު ހިނގައިގެން ދިޔަ ކަމަކީ އެއްވެސް ގޮތަކަށް ބަލައިނެވޭނެ ކަމެއް ނޫން ކަމަށާއި ނޫސްވެރިންނާ ދެކޮޅަށް އެއްވެސް ނިކަމެތި ފިޔަވަޅެއް އަޅައިގެންދާތަން ބަލަން އުނދަގޫ ކަމަށެވެ. މީޑިއާގެ ތާރީހަށް ބަލާއިރު ވަރަށް ބޮޑެތި ކަންކަން ހިނގާފައިވާ ކަމަށާއި އެއީ އާދައަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުންގެ އެންމެ އިސްވެރިންނާ ބައްދަލުކޮށް މޭޒުމަތިން މިކަން ހައްލު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަރިޔަމް ވިދާޅުވީ އެ މައްސަލަ ބްރޯޑްކޮމްގެ ފަރާތުން އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ މުޒާހަރާގައި ސަލްސާ ރޯޔަލް ރެސްޓޯރެންޓް ކައިރިން އެންމެ ފުރަތަމަ އަނިޔާވީ ޗެނަލް 13ގެ ކެމެރާމަން މުހައްމަދު ޝަހީމަށެވެ. ފަހުން މުޒާހަރާ ނިންމި ފަހުން، "ލަ ސޫކް" ކެފޭގައި 4 ނޫސްވެރިއަކު މޭޒު ކައިރީގައި އިށީނދެގެން ތިއްބާ ފުލުހުން ވަނީ ޗެނަލް13 ޑެޕިއުޓީ ހެޑް ގަދަކަމުން ނެރެގެން ގެންގޮސްފައެވެ. އޭރު އޭނާގެ ޖީބުގައި ނޫސްވެރިއެއް ކަން އަންގައިދޭ ފާސް ފެންނަން އޮތެވެ. އަދި އެތާ ތިބި އެހެން މީހުން އެއީ ނޫސްވެރިއެއް ކަމަށާއި އަދި މީޑިއާ ކަމަށް ގޮވަމުން ދިޔަ ނަމަވެސް ފުލުހުން ވަނީ އޭނާ ގަދަކަމުން ސިޑިން ބާލާ ކެފޭއިން ބޭރަށް ނެރެފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، މުޒާހަރައިގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ފުލުހުންނާ ދިމާލަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި މުޒާހަރައިގެ ބައެއް ބައިވެރިން ކެފޭ ތެރެއަށް ވަނުމުން އެ ކެފޭ ތެރެއިން އެމީހުން ނެރެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ޗެނަލް 13ގެ ނޫސްވެރިޔާ އެތަނުން ނެރުމުގެ ކުރިން، އޭނާއަކީ ނޫސްވެރިއެއް ކަން ފުލުހުންނަށް އަންގާފައި ނުވާ ކަމަށާއި އޭނާއަކީ ނޫސްވެރިއެއް ކަމަށް ބުނުމުން އޭނާ ދޫކޮށްލާފައި ވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ