ފައިސާ ހޯދުމަށް އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް ޓިކެޓްތަކެއް ވިއްކާލަނީ

އެމްޑީޕީން އއ. އުކުޅަހުގައި ބާއްވާ ކޮންގްރެސް ހިނގަމުންދާ ގޮތް ބެލުމަށް ބޭނުންވާ އެޕާޓީގެ އާންމު މެންބަރުންނަށް ޓިކެޓް ވިއްކަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް އަކީ ވަރަށް ގިނަ މަސައްކަތްތަކެއް އަދި ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ކޮންގްރެސްއަކަށް ވާނެ ކަމަށެވެ. އެމްޑީޕީގެ ހަރަކާތްތަކަށް ސަރުކާރުން އާންމުކޮށް ދަތިކުރާ އުސޫލުން ކޮންގްރެސްއަށް ވެސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށާއި ނަމަވެސް ސަރުކާރުން ދަތިކުރުމުގެ ގޮތުން ކުރާ ކޮންމެ ކަމެއް އެއީ ދަތިކުރުން ކަމަށް ދެކިގެން އެމްޑީޕީން އެޕާޓީގެ މަސައްކަތްތައް ހުއްޓާލައިގެން ނުތިބޭނެ ކަަމަށްވެސް ވިދާޅުވި އެެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަންޖެހޭ ފައިސާ މިއަހަރުގެ މިހާތަނަށްވެސް ލިބިފައި ނުވާތީ އެމްޑީޕީގެ ކޮންގްރެސް އަށާއި ޕާޓީގެ ރިޔާސީ ކެމްޕޭން ހަރަކާތްތަކަށް ދަތިތަކެއް ކުރިމަތިވާ ކަން ފާހަގަކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފައިސާ ހޯދަންޖެހޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް ޓިކެޓްތަކެއް ވިއްކަން ނިންމީ ޕާޓީއަށް ފައިސާ ހޯދުމަށް ކަމަށާއި އެގޮތަށް ވިއްކާ ޓިކެޓެއްގެ އަގަކީ 200 ރުފިޔާ ކަމަށްވީ ނަމަވެސް ކިތަންމެ ބޮޑު އަގުގައިވެސް އެފަދަ ޓިކެޓެއް ގަނެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ޓިކެޓް ގަނެގެން އުކުޅަހަށް ދާ ބޭފުޅުންގެ ކެއުމާއި ހުރުން ވެސް ހަމަޖައްސަން ޖެހޭނީ އެ ބޭފުޅަކު އަމިއްލައަށް ކަމަށެެވެ. އެމްޑީޕީގެ ކޮންގްރެސްއާ ދިމާކޮށް އެޕާޓީގެ އާންމު ގިނަ މެންބަރުން އުކުޅަހަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި އުކުޅަހުގައި ހުރުމުގެ އިންތިޒާމު ހަމަޖެހޭ ގޮތް ނުވެއްޖެނަމަ ކައިރި ރަށްރަށުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސް ކުރިއަށްދާއިރު އުކުޅަހުގައި 10 ސްޓޯލެއް ބެހެއްޓުމަށް ނިންމާ ސްޓޯލްތައް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެމްޑީޕީން މިހާރު ވަނީ އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. ސްޓޯލް ދޫކުރުމުގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކުރާ ވިޔަފާރިތަކާއި ޖަމިއްޔާތަކަށް އިސްކަންދޭނެ ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީގެ ކޮންގްރެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހު އެވެ.
ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވައިދަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށްވެސް އެޕާޓީން މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ