ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
މެންބަރު ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ މީގެކުޑައިރުކޮޅެއް ކުރިން ޖުމްހޫރީ ޕާޓީގެ އޮފީހުގައި އެޕާޓީގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު އެވެ.
މެންބަރު ޝަހުދީ ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު އޭނާގެ މެންބަޝިޕް ފޯމް ވަނީ ޖޭޕީގެ ރައީސް އަލީ ވަހީދާ ހަވާލުކުރައްވާފަ އެވެ.
މެންބަރު ޝަހުދީ ހަނިމާދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ. ނަމަވެސް ޝަހުދީ ފަހުން ވަނީ ޖޭޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕާޓީ، ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.
ޕީޕީއެމްގައި ހުންނެވުމަށްފަހު ޝަހުދީ އެޕާޓީން ވަކިވެވަޑައިގަތީ އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލާ އެ ގާނޫނުގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައެޅުމާ ގުޅިގެން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވުމަށްފަހު އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެންބަރުން އެންޓި ޑިފެކްޝަން ގާނޫނާއި، ސުޕްރީމް ކޯޓުން އިއްވި ހުކުމަކަށް ރިއާޔަތްކޮށް ޕީޕީއެމުން ވަކިކުރުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެގޮތަށް ޕީޕީއެމުން ވަކިކުރި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރޭގައި ޝަހުދީ ވެސް ހިމެނޭއިރު ސުޕްރީމް ކޯޓުން މިހާރު ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ. އަދި މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް އަމާޒުކޮށްގެން އެކުލަވާލާ، އަމަލުކުރަމުން ދިޔަ އެންޓި ޑިފެކްޝަން ގާނޫނު އިއްޔެ ވަނީ އުވާލާފަ އެވެ.
ޝަހުދީ ދެވަނަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމާ ގުޅިގެން އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ޝަހުދީ އަށް މަރުހަބާ ދންނަވާފަ އެވެ.
ޝަހުދީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެޕާޓީގައި ތިއްބެވި މަޖިލީހުގެ މެންބަރުންގެ އަދަދު ވަނީ 8 އަކަށް އިތުރުވެފަ އެވެ. ނަމަވެސް އިންތިހާބީ ނައިބް ރައީސް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު މިއަދު މެންބަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ ފައިސަލް މެންބަރު ކަމުން އިސްތިއުފާ ދެއްވުމާއެކު ޖޭޕީގެ މެންބަރުން ހަތަކަށް މަދުވެގެންދާނެ އެވެ.
ޝަހުދީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައި މިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ އިތުރު މެންބަރުންތަކެއް ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ފެތުރެމުންދާ ވަގުތެއްގަ އެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ޖޭޕީއަށް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ