ގާސިމް މަރާލި ކަމަށް ގާތިލު އިއުތިރާފުވެއްޖެ

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ހަސަން ގާސިމްގެ މަރާއި ގުޅިގެން ހައްޔަރު ކުރި މީހާ، އޭނާ މަރާލި ކަމަށް އިއުތިރާފުވެއްޖެއެވެ
ގާސިމް މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާލެ އިންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް މަރާލި މައްސަލާގައި ރޭ ހައްޔަރު ކުރި މީހާ އެކަމަށް އެއްބަސްވެފައިވާކަމަށެވެ. އަދި އޭނާ އެ މައްސަލައަށް އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
އަދި ހައްޔަރުކުރި އެ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، އޭނާ ގާސިމް މަރާލި ރޭ ލައިގެން ހުރި އަންނައުނު، ގާސިމް މަރާލި ސަރަހައްދާއި ދުރުނޫން ހިސާބަކުން ހޯދާފައިވާ ކަމަށެވެ.
އަދި ގާސިމްގެ މަރާއި ގުޅޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މި ހަފްތާ ތެރޭގައި ބާއްވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
ގާސިމް މަރާލި މީހާގެ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި ހުޅުމާލެ އަނދިރިމަގެއްގެ މަތީގައެވެ. އޭނާ މަރާލަން ބޭނުން ކުރި ހަތިޔާރާއެކު އިތުރު ހެކި ތަކެއް ފުލުހުން ހޯދާފައި ވެއެވެ.
އދ. މާމިގިއްޔަށް ނިސްބަތްވާ ގާސިމްގެ މަރާއި ގުޅިގެން މީހަކު ހައްޔަރުކުރެވިފައި ވަނީ 10 ދުވަސް ފަހުންނެވެ.
ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ