ދީބާޖާއަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރިން ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެކުންފުންޏަށް ބަދަލު ދިނުމުގެ މައްސަލަ މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓަށް ފޮނުވުމަށް ނިންމަވައިފިއެވެ. ކުރިން ރައީސް ޞާލިޙު ނިންމަވާފައިވަނީ މައްސަލަ ކޯޓުން ބޭރުން ޙައްލުކޮށް ދީބާޖާއަށް 174 މިލިއަން ރުފިޔާ ދެއްވުމަށެވެ. ރައީސްވަނީ އެމައްސަލާގައި އެމަނިކުފާނު ކުރިން ނިންމެވި ނިންމެވުން ބަދަލުކުރައްވައި މައްސަލަ މުރާޖަޢާކުރުމަށް ހުށަހެޅުމަށް ނިންމަވާފައެވެ. އެނިންމެވުމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ އެމައްސަލަ މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅުމާ ގުޅޭ ތައްޔާރީތައް މިހާރު ކުރިއަށް ދާ ކަމުގައެވެ. ރައީސް ޞާލިޙު މިފަދައިން ނިންމަވާފައިވަނީ ދީބާޖާއަށް ބަދަލު ދިނުމަށް ކޮށްފައިވާ ޙުކުމާ އެއްގޮތަށް ބަދަލު ދީފައިނުވާތީ ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް އެކުންފުނިން ހުށަހަޅައި، އެމައްސަލައިގެ ފުރަތަމަ އަޑުއެހުން އެކޯޓުގައި ތާވަލުކުރެވިފައިވަނިކޮށެވެ. އުތުރުގެ އަތޮޅުތަކުގައި ފެރީ ދުއްވުމަށް ދީބާޖާއާއެކު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާޠިލުކުރުމާ ގުޅިގެން އެކުންފުނިން ބަދަލު ހޯދުމަށް ކުރި ދަޢުވާގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވަނީ ނިމުނު އަހަރުއެވެ. އަދި އެކުންފުންޏާއެކު ސެޓްލްމެންޓު ކޮމިޓީން ކުރި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އެކުންފުންޏަށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމެވީ ރައީސް ޞާލިޙެވެ. އަދި އެކުންފުނިން ބުނެފައިވާ ގޮތުގައި އެކުންފުންޏަށް ބަދަލު ދިނުމަށް ކޯޓުން ޙުކުމްކޮށްފައިވަނިކޮށް ކޯޓުން ބޭރުން ސެޓްލްމެންޓަކަށް ގޮސް ކޯޓުން ބަދަލުގެ ގޮތުގައި ދިނުމަށް ކަނޑައެޅި މިންވަރުގެ ބަދަލުގައި 174 މިލިއަން ރުފިޔާއަށް އެކުންފުނިން އެއްބަސްވީ ސަރުކާރުގެ އެދުމަކަށެވެ. އަދި އެޢަދަދަށް އެއްބަސްވީ ސަރުކާރުން ދީފައިވާ ޔަޤީންކަމަކަށް އިތުބާރުކޮށް ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. ދަށު ކޯޓުން ދީބާޖާއަށް ބަދަލު ދިނުމަށް ކުރި ޙުކުމް ހައިކޯޓުން ބާޠިލުކުރި ނަމަވެސް، އެމައްސަލަ ހައިކޯޓުން ބެލީ އިސްތިއުނާފުގެ މުހުލަތު ފަހަނައެޅި ފަހުން ކަމުގައިވާތީ އެމައްސަލާގައި ދަށު ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައި، ހައިކޯޓުން މައްސަލަ ބާޠިލުކުރިކުރުން އުވައިލިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ދީބާޖާ މައްސަލާގައި ރައީސްގެ ނިންމެވުން ބަދަލުކުރައްވައި މުރާޖަޢާކުރަން ސުޕްރީމް ކޯޓަށް ފޮނުއްވަން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ