ސުޕްރީމް ކޯޓަށް އައްޔަން ކުރަން ދިޔާނާ އާއި މަހާޒްގެ ނަން މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރަން މި ދެ ބޭފުޅުންގެ ނަން ރައީސް ސާލިހު މަޖިލީހަށް ފޮނުއްވީ މިއަދުގެ ވަގުތެއްގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި މަހާޒްގެ ނަމެވެ. އަދި އޭގެ ފަހުން އެ ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލި ފުރުސަތުގައި ދިޔާނާ ވަނީ ކުުުރިމަތިލައްވާފައެވެ.
އަދި މި ދެބޭފުޅުންގެ އިތުރުން, އެ މަގާމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންނާއި އިންޓަވިއުކޮށް އޭގެ ތެރެއިން ދިޔާނާ އާއި މަހާޒްގެ ނަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އެރުވީ ހައިލި ރިކޮމެންޑް ކުރާ ބޭފުޅުންގެ ގޮތުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.
ދާދި ފަހުބް ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ވެސް ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ