ސަރުކާރު ވައްޓައެއް ނުލެވޭނެ، ބަދުނާމެއް ވެސް ނުކުރެވޭނެ – ގާސިމް

މިސަރުކާރު ވައްޓައެއް ނުލެވޭނެ ކަމަށާއި އަދި މިސަރުކާރު ބަދުނާމެއް ވެސް ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ބަޔަކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
ގައުމުގެ ކުރިއެރުމަށާއި ފައިދާއަށް އަދި ރައްޔިތުންނަށް މަންފާ ލިބިދިނުމަށް އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތައް ސަރުކާރު ކުރިއަށްދާނަމަ ސަރުކާރަށް އެއްބާރުލުން ދޭނަން ކަމަށް ގާސިމް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.
ނަމަވެސް ވަކި މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ ވަކި ގައުމަކަށް ފައިދާ ހޯދައި ދިނުމަށް. ވަކި މީހަކަށް އަނިޔާ ދިނުމުގެ ގަސްދުގައި ނުވަތަ މުޖުތަމަޢަށް ގެއްލުމެއް ދިނުމަށް ކަމެއް ކުރާނަމާއި އެކަމާއި ދެކޮޅަށް ޚިޔާލު ފާޅުކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއީ ވެރިކަމުގައި ހުރި މީހަކާއި ޖެހިގަނެގެން ކުރާ ކަމެއް ނޫން. އެމްޑީޕީ މެންބަރަކު ވިދާޅުވެއްޖެ އަޅުގަނޑު އުޅެނީ ސަރުކާރަށް ވައި އަޅުވައިގެން ސަރުކާރުގެ ތެރެއިން ކަންތައްތަކެއް ކުރަން ކަމަށް. އެކަން ބޭނުން ނުވަނީ ކާކުތޯ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރާއި ނަޝީދާއި ދޭތެރެ ޖައްސައިގެން ކަންތައްތަކެއް ކުރަން އޭނާ އުޅޭ ކަމަށް އެމްޑީޕީގެ މެންބަރަކު ވިދާޅުވެފައިވާ ކަމަށާއި އެކަން ދޮގު ކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ނުޙައްޤުން ދޭތެރެ ޖައްސައިގެން ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ ބޭނުންވޭ ފަސް އަހަރު ދުވަހުގެ ޓާމް ނިމިގެން ދާތަން ދެކެން. އެއްގޮތަކަށް ވެސް އަޅުގަނޑުމެން މިތިބީ ރައްޔިތުން ހޮވާފައި ހުރި ވެރިޔަކު ބޮލަށް އަރާފައި އެމީހަކު ވައްޓާލާކަށް ނޫޅެން. އެކަމެއް އަޅުގަނޑުމެން ނުކުރާނަން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެހެން ދެންނެވި ނަމަވެސް ގައުމާއި ދީން ހަލާކުވެގެންދާ ގޮތައް ކަންތައް ކުރާނަމަ ވާޖިބު ވެގެންވާ ކަންތައްތައް ކުރާނެ ކަމަށެވެ.
ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ގޮފިތައް ހެދުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކޮށް ޕާޓީގެ ހާއްސަ ކޮންގްރެސްއަކަށް ތައްޔާރުވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ