ރާއްޖެ ހިސޯރުކުރަން ގިނަ ގައުމުތަކުން މަސައްކަތް ކުރޭ: މިނިސްޓަ އުމަރު

މިނިވަންކަންމަތީ ދެމިއޮތަސް، ރާއްޖެ ހިސޯރުކުރަން ވަރަށް ގިނަ ގައުމުތަކުން މަސައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުން ފުރުން ފާހަގަކުރަން "މިނިވަންކަމުގެ ދަތުރު-މިސްރާބު ޔަގީން" ގެ ނަމުގައި ދާރުލްއާސާރުގައި މައުރަޒެއް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ ހިސޯރުކުރަން އުޅޭ މީހުންމ ކޮންމެ ފަހަރަކު ވެސް ބަލިވަނީ ރާއްޖެއާ ހަމައަށް ރަނގަޅަށް ނާދެވިގެން ކަމަށެވެ. ރާއްޖޭގެ ކަނޑުތަކާއި ފަރުތަކަކީ ރާއްޖެ ހިސޯރުކުރަން ހުރަހެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ރާއްޖޭގެ ތާރީހް ދައްކުވައިދޭ މައުރަޒު ހޯމް މިނިސްޓަރު އުމަރު މިރޭ ބައްލަވާލައްވަނީ. --ހަވީރު ފޮޓޯ: ނިޝާން އަލީ "ވަރަށް ގިނަ އުޅަނދުފަހަރު، ނައު ފަހަރު އަޅުގަނޑުމެންނަށް ހަމަލާ ދިނުމަށް އަންނަން މަސައްކަތް ކުރޭ. އައިސް ކޮންމެ ވެސް ފަރަކަށް އަރައިގެން އަޑިއަށް ގޮސްފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ ރައްކާތެރިކަމެއް ލިބިފައި އޮތް ގައުމެއް." މިނިވަން 50ގެ މައުޒަރު ހާއްސަކޮށްފައި ވަނީ، ރާއްޖޭގެ ތާރީހްގެ މައްޗަށެވެ. ރާއްޖެއަށް ކުރިމަތިވި ހާދިސާތަކާއި ރާއްޖޭގެ މިނިވަންކަން ގެއްލުނު ގޮތާއި އެ މިނިވަންކަން އަނބުރާ ހޯދަން ކުރި މަސައްކަތް މައުޒަރުގައި ދައްކުވައިދީފައިވެ އެވެ. އަދި ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލަ އާއި އެ ހާދިސާގައި ގައުމީ ބަތަލުން ކޮށްދެއްވި ހިދުމަތް މައުރަޒުން ސިފަކޮށްދީފައިވެ އެވެ. ރާއްޖޭގެ ތާރީހް ދައްކުވައިދޭ މައުރަޒުގައި ބަހައްޓާފައިވާ ފޮޓޯތަކެއް: -ހަވީރު ފޮޓޯ: ނިޝާން އަލީ މީގެ އިތުރުން ރާއްޖޭގެ މުހިއްމު ހާދިސާތަކާ ގުޅޭ ތަކެތި ދައްކާލަން ބަހައްޓާފައި ހުއްޓެވެ. އޭގެ ތެރޭގައި ނޮވެމްބަރު ތިނެއްގެ ހަމަލައިގެ ވަޒަން އެރި ދެ ހަތިމާއި ދެ ސައިކަލް ވެސް ދައްކާލަން ބަހައްޓާފައިވެ އެވެ. އަދި ކުރީ ޒަމާނުގައި މުވާސަލާތީ ވަސީލަތްތަކުގެ ގޮތުގައި ބޭނުންކުރި ބައެއް ތަކެތި ވެސް މައުރަޒުގައި ހުއްޓެވެ. ފޮޓޯގެލަރީ: މިނިވަން 50 މައުރަޒު ހުޅުވުން 33 ފޮޓޯ ހޯމް މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ މީސްކޮޅު މަދު ބައެއްގެ ގޮތުގައި ފެނުނަސް ހިތްވަރުގަދަ، އަމިއްލަ ގައުމު ދެކެ ފަހްރުވެރިވާ ބައެއް ކަމަށެވެ. ރާއްޖެ ހަގީގީ އަޅުވެތިކަމަކަށް ދިޔައީ ދެ ފަހަރު ކަން ފާހަގަކުރައްވައި، އުމަރު ވިދާޅުވީ އެއީ ޕޯޗުގީޒުންނާއި މަލާބާރީންގެ އަތް ދަށަށް ދިޔަ ދެ ފަހަރު ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް އަޅުވެތިކަމުގައި ރާއްޖެ ހޭދަކުރީ ވަރަށް މަދު ދުވަސްތަކެއްގައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަހުރުވެރި ތާރީހް ޒުވާނުންނަށް އަންގައިދޭން އެފަދަ މައުޒަރުތައް ބޭއްވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުން ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުވި މައުރަޒުގައި، ކުރީ ޒަމާުގައި ދިވެހިން އާންމުކޮށް ގެންގުޅުނު ފޯނު ދައްކާލަން ބަހަޢްޓާފައި.---ހަވީރު ފޮޓޯ: ނިޝާން އަލީ "ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ހަމައެކަނި ބޭނުން ވަނީ ބަޑި އާއި ޓޭންކަރެއް ނޫން. ގައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ވެސް ބޭނުންވޭ އެ ގައުމެއްގެ ރައްޔިތުން ގަބޫލުކުރާ ހަމަތައް، ގަބޫލުކުރާ އުސޫލްތައް. އެ އުސޫލްތަކުގެ ތެރެއިން ރައްޔިތުން ނެރޭ ހިތްވަރު،" މިނިސްޓަރު ވިދާޅުވި އެވެ. މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެ މިނިސްޓްރީގެ އިސް ވެރިންނާއި ތައުލީމީ ދާއިރާގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ